ސިޔާސީ

މަޖިލިސް ހުޅުވުމުން އެންމެ އިސްކަމެއް ދޭނީ މޮނިކޮމް ބިލަށް-ނިހާން


ރައްޔިތުންގެ މަޖިލިސް އަންނަ މަހު ހުޅުވޭއިރު އެންމެ އިސްކަމެއް ދެއްވައިގެން މަޖިލީހަށް ހުށައަޅުއްވާނެ އެއްބިލަކީ ކުށް މަދުކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ، މޮނިޓަރިން އެންޑް ކޮންޓްރޯލިން، ނުވަތަ "މޮނިކޮން" ބިލްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ހޯމް މިނިސްޓްރީ މެދުވެރިވެގެން ސަރުކާރުން ހުށައަޅާ "މޮނިކޮން" ބިލަކީ އަންނަ ދައުރުގައި ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާނެ މަސައްކަތެއްކަމަށެވެ."މޮނިކޮން" ބިލަކީ، ކުށެއްގައި ތުހުމަތުކުރެވޭ މީހާ ކޮންޓްރޯލް ކުރުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބޭގޮތަށާއި، ކުށެއްގެ ތުހުމަތުގައި ކޯޓަށް ގެންދާ މީހާ، އެކަށީގެންވާ ހެކި ނެތިގެން އަނބުރާ މުޖުތަމައަށް ދޫކޮށް ލުމުގެ ބަދަލުގައި، އޭނާ ކޮންޓްރޯލް ކުރުމަށް ފުރުސަތު ލިބޭނެ ގޮތަށް އެކުލަވާލާލާފައިވާ ބިލެކެވެ.ހޯމް މިނިސްޓަރ އުމަރު ނަސީރުވެސް ވިދާޅުވީ، ކުށެއްގައި ތުހުމަތު ކުރެވޭ މީހާގެ ފައިގައި، ކޯޓު އަމުރެއްގެ ދަށުން ޓެގެއް ހަރު ކޮށް، އެ މީހެއްގެ ހުރިހާ ހަރަކާތެއް މޮނިޓަރ ކުރުމާއި، ތުހުމަތު ކުރެވޭ މީހާއަށް ވަކި ކަންތަކެއް ކުރުމަށް އެންގުމުގެ ބާރުވެސް ހޯމް މިނިސްޓަރަށް މި ބިލް ގާނޫނަކަށް ވުމުން ލިބިގެންދާނެކަމަށެވެ. ނިޙާން ވިދާޅުވީ، ޖިނާއީ އިޖުރާތުގެ ގާނޫނާއި އެކު އުފެދިގެން އަންނަންޖެހޭ ބައެއްކަހަލަ ހަމަތައް ބަޔާންކޮށްދޭންޖެހޭ ލުއި ގާނޫނުތަކުގެ މަސައްކަތް ކުރެވޭނެކަމަށާއި، އަދި އިޖްތިމާއީ، އިޤްތިޞަދީ ދާއިރާއިންވެސް މުހިއްމު ބިލްތަކެއް މަޖިލީހަށް ހުށައެޅި އޭގެ މަސައްކަތްތައްވެސް މިފެށޭ ދައުރުގައި ކުރެވޭނެކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ޖޫން މަހުގެ އެކެއްވާ ހޯމަ ދުވަހުއެވެ.