ސިޔާސީ

ބާޣީ ލުޠުފީ ހުރީ "ހައި ސެކިއުރިޓީ"އާއެކު މާފުށީ ޖަލުގައި

ބާޣީ ޢަބްދުﷲ ލުޠުފީ އެންމެ މަތީފަންތީގެ ސެކިއުރިޓީއާއިއެކު މަފުށީ ޖަލުގައި ބަންދުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެ.

1988ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާގެ އިސް މޭސްތިރި ހ.ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުޠުފީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމަށްފަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވުމުން އޭނާ ގެނެސްފައިވަނީ މިމަހުގެ 9ވަނަ ދުވަހުއެވެ.

ލުޠުފީ ރާއްޖެ ގެނައުމަށްފަހު އެރޭވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާއި ހަވާލުކޮށްފައެވެ. އަދި އޭނާ ބަންދުކޯށްފައިހުރީ މާލޭ ޖަލުގައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްވެސް އަދި އެނޫންތަނަކަށް ފޮނުވާ ޤައިދީންވެސް މާލޭ ޖަލުގައި ބަންދުކޮށް "އެސެސްމަންޓްތަކެއް" ހަދާނެކަމަށެވެ.

އެގޮތުން ލުޠުފީއަކީވެސް ވަރަށްގިނަ ދުވަހު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުނު ޤައިދީއެއްކަމުން އޭނާގެ ފަރާތުންވެސް ކަރެކްޝަނުން ފުރިހަމަކުރަންޖެހޭ އެސެސްމަންޓްތަކެއް ފުރިހަމަކޮށްފައިވާކަމަށެވެ. އެގޮތުން އޭނާގެ މެޑިކަލް އަދި ސައިކޮލޮޖިކަލް އެސެސްމަންޓްތަކެއް ދެހަފްތާ ވަންދެން މާލޭ ޖަލުގައި ހެދުމަށްފަހު މިހާރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަމަށް މުނާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤައިދީން ބަންދުކުރާއިރު އޭނާގެ ފަރާތުން އޮތް ނުރައްކަލަކަށްވެސް ވަރަށްބޮޑަށް ބަލާކަމަށެވެ. އެގޮތުން ބާޣީ ލުޠުފީއަކީ ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މީހެއްކަމުން މިހާރު އޭނާ މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރީ އެންމެ "ހައި ސެކިއުރިޓީ"ގައިކަމށްވެސް މުނާޒް ވިދާޅުވިއެވެ.

"އޭނާއަކީ ބަޑިހިފައިގެން މާލޭގެ މަގުމަތީ އުޅުނު އަދި 19 ދިވެހިން ޝަހީދުކޮށްލި މީހެއް. އެވަރުގެ ބޮޑު ޤައިދީއަކު ފިލައިގެން އުޅުމުން ގެނެސް އޭނާ މިހާރު ބަންދުގައި ބަހައްޓަފައިވާނީ އެންމެ ހައި ސެކިއުރިޓީގައި." މުނާޒު ވިދާޅުވިއެވެ.

ލުޠުފީ ފިލާފައިވަނީ 2010ވަނަ އަހަރުގެ ޖެނުއަރީ 10ގައި އޭރުގެ ސަރުކާރުގެ ހުއްދައާއިއެކު ލުޠުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ. 9 އަހަރު ވަންދެން އޭނާ ފިލައިގެން އުޅުނު މައްސަލަ މިހާރު ތަޙްޤީޤްކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ލުޠުފީގެ މައްޗަށް އިއްވާފައިވާ ޢުމުރު ދުވަހުގެ ޖަލުހުކުމް އޭނާ ފުރިހަމަކުރަންޖެހޭނެކަމަށެވެ.

ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށް ކިޔާ ޖަމާޢަތެއްގެ ޓެރަރިސްޓު ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ.

އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރަ ދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ. އެދުވަހުގެ ޢުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.