ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުގެ ފަރާތުން ވަނީ ނާއިބް ރައީސާއި ހިއްސާކުރައްވާފައެވެ.
އެގޮތުން ނަރުދަމާއާއި ބޯފެނުގެ ނިޒާމު ޤާއިމުވެފައި ނެތުމުން ހުރި ދަތިތަކާއި ޞިއްޙީދާއިރާގައި ހުރި ދަތި މައްސަލަތަކާއި ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ މަޢުލޫމާތު ކައުންސިލުގެ ފަރާތުން ވަނީ ނާއިބް ރައީސާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ކަމަދޫގައި އުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ރަށުގައި ތިބި އެހީތެރިކަމަށް ބޭނުންވާ އެހެނިހެން ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައްވެސް ކައުންސިލުގެ ފަރާތުން ވަނީ ނާއިބް ރައީސާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރެވެމުންދާކަން ވަނި ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.