ޚަބަރު

14 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވަނީ - ކޯސްޓް ގާޑުން ޙަރަކާތްތެރިވާން ފަށައިފި


ވ. ވައްޓަރުގެ ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއް ދިޔަވާކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ 14 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މި ބޯޓަކީ މާލެއިން ފުރައިގެން ލ އަތޮޅަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ. "ނީލްވިލާ" ނަމަކަށްކިޔާ މި ބޯޓު ވ.ވައްޓަރުގެ ބޭރުން ދިޔަވާކަމުގެ ރިޕޯޓް މިއަދު 13:52ގައި ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުގެ ސްކޮޑްރަންއިން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން ޕަންޕު ބޭނުންކޮށްގެން ބޯޓުން ދިޔަ ހިއްކުމުގެ މަސައްކަތް ކުރުމަށް މިހާރު ސިފައިން އެ ބޯޓުގައި ޙަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ބޯޓު މިހާރު އޮތީ މ.ދިއްގަރުގެ 5 މޭލު ބޭރުގައި ކަމަށްވެސް އެމްއެންޑިއެފުން މަޢުލޫމާތުދެއެވެ.

ދިޔަވަމުންދާ ބޯޓުގެ ވީޑިއޯ - ވީޑިއޯ: ޢަލީ ނަޝީދު/ފޭސްބުކް

މި ބޯޓުގެ އިތުރުން ތ.ވެލިދޫއިން ފުރައިގެން ދ.ކުޑަހުވަދުއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ދިޔަވަމުންދާތީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

"ރެހެންދި" ނަމަކަށްކިޔާ 22 ފޫޓުގެ މި ޑިންގީ ގައި 5 މީހުން ތިބި ކަމަށާ، މި ޑިންގީ ދިޔަވާން ފަށާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 14:52ގައި ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.