ސިޔާސީ

މަސްގަންނަ ބޭރުގެ ބޯޓްފަރު ރާއްޖެ ގެނެސް މަސްވިއްކުމަށް މެންބަރުން ތާޢީދު

ދިވެހި މަސްވެރިން ބާނާ މަސް ގަތުމުގެ ހުއްދަ މިހާރު ދީފައިވާ ހަތަރު ކުންފުޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށް މަސްގަންނަ ބޭރުގެ ބޯޓް ފަހަރަށް މަސް ވިއްކޭނެ ގޮތްހަދާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ހުށައެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތާޢީދުކޮށްފިއެވެ.

ބޭރުގެ ބޯޓްފަހަރު ރާއްޖެއައިސް މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމަށް، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށަހެޅި ޤަރާރަށް ބަހުސްކުރައްވަމުން މެންބަރުން ވަނީ މި ޤަރާރަކީ ވަރަށް މުހިންމު ޤަރާރެއްކަން ފާހަގަކުރައްވާފައެވެ.


ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ހުށައަޅުއްވާފައިވާ ޤަރާރުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް، މަސައްކަތުގެ ސީދާ ނަފާ ވިހާވެސް ފުޅާދާއިރާއެއްގައި ދިވެހިންނަށް ހޯދާދިނުމުގެ މުހިއްމުކަން ބޮޑުވެ އެކަމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް މަސްގަތުމުގެ ވާދަވެރި މާހައުލެއް ގާއިމުކުރުމަކީ މުހިންމުކަމެއްކަމަށާއި، ދިވެހި މަސްވެރިން ބާނާމަސް މެދުވެރިއެއްނެތި ސީދާ ބޭރުގެ ފަރާތްތަކަށް ވިއްކޭނޭ މަގު ފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަަމަށްވެސް ޤަރާރުގައި ބުނެފައިވޭ. ދިވެހިންބާނަ މަސްގަތުމަށް ދިވެހި ސަރުކާރުން 4 ފަރާތަކާއެކު "އެކުސްކުލޫސިވް" އެގްރިމަންޖްތަކެއް ހެދިފައިވާތީ އަގު އެފަރާތްތަކުން ކޮންޓްރޯލްކުރުމަކީ މަސްވެރިން ކަންބޮޑުވާކަމެއްކަމަށްވެސް ޤަރާރުގައިވެއެވެ.

މެންބަރު އިސްމާޢީލް ހުށައަޅުއްވާފައިވާ ޤަރާރުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް 04 ފަރާތަކާއެކު ވެފައިވާ އެއްބަސްވުންތައް ވީއެންމެ އަވަހަށް ބާޠިލުކޮށް، ބޭރުގެ ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްގަތުމާ ގުޅޭގޮތުން އެނަލިސިސްއެއް ހަދައި
އެފަދަފަރާތްތަކަށް ހުއްދަދިނުމަށް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކަށްވެސް މަސްގަނެވޭނޭ ގޮތްތައް ބަލާ އެފަރާތްތަކަށްވެސް މަސްގަނެވޭނޭ
މަގުފަހިކޮށްދިނުމަށާއި، ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާއަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އިޤްރާރުވުމަށް
ޤަރާރުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤަރާރަށް ވާހަކަދެއްކެވި ގިނަ މެންބަރުންވަނީ ވަނީ މި ޤަރާރަށް ތާއީދުކޮށްފައެވެ. ޤަރާރަށް ވާހަކަފުޅު ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އުފެއްދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށާއި، އެ ގޮންޖެހުންތައް މަސްވެރިންނަށް ރައްޔިތުންގެ މަޖިލީހުން ނައްތާލަދޭންޖެހޭކަމަށެވެ. އެގޮތުން މަސް ގަންނަ ބޭރުގެ ބޯޓް ފަހަރު ރާއްޖޭގެ ސިޔާސީ ސަރަޙަދަށް ފަސޭހައިން ވަދެ، ސީދާ މަސްވެރިންގެ އަތުން އެބޯޓް ފަހަރުތަކަށް މަސް ގަނެވޭނެ ލުއި ގޮތްތަކެއް ދައުލަތުން ފަހިކޮށްދީފިނަމަ މަސްވެރިކަމުގެ ބާޒާރުގައި ވާދަވެރިކަން އުފެއްދި ހަމަ އަގު މަސްވެރިންނަށް ހޯދައިދެވޭނެކަމަށް އީސާ ވިދާޅުވިއެވެ.

"މިއަދު ދުނިޔޭގެ ޤައުމުތަކުގެ ދޭތެރޭގައި އޮތް ޚާރިޖީ ގުޅުންތަކަށް ބަލާއިރު ނުކުރެވޭނެކަމެއްނޫން. އެއީ ކުރެވޭނެކަމެއް. އަމުދުން މި ކައިރި ޤައުމުތަކުގެ މެދުގައިވެސް އެކަންކަމަށް ކުރިމަތިލާނެ ކުންފުނިތައްވެސް އަދި ފަރާތްތައްވެސް ބައިވަރުއެބަހުރި. އެކަމަށް ހުރި ޤާނޫނީ ހުރަސްތައް އަޅުގަނޑުމެން ނައްތާލީމާ އެ މަގު ހުޅުވިގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަން." ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ، ދިވެހި މަސްވެރިންގެ މަންފާއަށްވުރެ ބޮޑު އެހެންކަމެއް މެންބަރުގެ ކުރިމަތީގައި ނެތްކަމަށާއި، މަސްވެރިންނަށް އެންމެ ފުރިހަމަ މަންފާލިބޭނެ ގޮތް މަޖިލީހުން ހަދައިދޭންޖެހޭކަމަށެވެ. އެގޮތަށް މަސައްކަތްކުރަން މަޖިލިސް އޮތީ ތައްޔާރަށްކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ބޭރުގެ ބޯޓްފަހަރު ރާއްޖެ ގެނެސް ސީދާ އެ ބޯޓްތަކަށް މަސްވިއްކާ، މަސްވެރި އާއިލާތަކަށް ޑޮލަރު ލިބޭނެގޮތް ތަނަވަސްކޮށްދޭންޖެހޭކަމަށް ޝިފާޢު ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ނަފާ ހޯދައިދޭންވީކީ ވިޔަފާރި ކުންފުނިތަކަކަށްނޫން. ދިވެހި މަސްވެރިންނަށް. ވަކިވަކި ފަރުދުންނަށް. އެނޫންގޮތަކަށް މި މަސައްކަތް ކުރިއަށް ގެންގޮސްގެން އަޅުގަނޑުމެންނަކަށް މި ދިވެހި ކަނޑުތަކުގެ މަންފާއެއް ދިވެހި މަސްވެރިންނަކަށް ހޯދައެއްނުދެވޭނެ. ދިވެހި ކަނޑުތަކަކީ 100 ޕަސެންޓް ދިވެހި މަސްވެރިންގެ މިލްކަކަށް ދިވެހިން ކަނޑުތައް ހަދަން އެފުރުޞަތު އަޅުގަނޑުމެން ހޯދަންއެބަޖެހޭ." އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާޢު ވިދާޅުވިއެވެ.

މި ޤަރާރު ހުށައެޅުއްވި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ، މަސްވެރިން ބާނާ މަސް ގަތުމަށް މިހާރު ހުއްދަ ދީފައިވާ ހަތަރު ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކޮށް އަލުން އެއްބަސްވުންތައް އެކުލަވާލުމަކީ މަހަށްލިބޭ ހަމަ އަގު ހޯދުމަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ.

"ހުޅުވާލައިގެން ވީހާވެސް ގިނަ ފަރާތްތަކަށް މަސް ގަނެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ އަޅުގަޑުމެން ގެންނަ މިއެދޭ ބަދަލު ގެނަން ފަސޭހަ އެއްގޮތް. މިއަދުގެ ހާލަތަކީ އެ ހަތަރު ފަރާތުން ބޭނުން ގޮތަކަށް އަގު ކޮންޓްރޯލް ކުރެވޭ. އެއްކިލޯގެ މަސް އެބޭފުޅުން ގަނެ އުޅޭނީ 10 ރުފިޔާއަށް. މިއީ މަސްވެރިން އިންތިހާއަށް ކަންބޮޑުވާކަމެއް. މި އަގު ބަދަލުކޮށްދޭން އެ މަސްވެރިން ވަރަށް ބޮޑަށް އެދޭ " ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޤަރާރަށް ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ވިދާޅުވީ، މިޤަރާރުގެ މަޤްޞަދު ޙާސިލްވެއްޖެނަމަ މަސްވެރިންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. ދިވެހިން ބާނާ މަސް ގަންނަ ބޭރުގެ ބޯޓްފަހަރު ރާއްޖެ އައުމަށް ހުއްދަ ދިނުމުގެ މަޤްޞަދަކީ ދިވެހި މަސްވެރިން ބާނާ މަސް މެދުވެރިއެއްނެތި ސީދާ ބޭރުގެ ފަރާތްތަކަށް ވިއްކޭނެ މަގު ފަހިކޮށްދިނުންކަމަށްވެސް މެންބަރު ސަޢީދު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންގެ މެދުވެރިޔަކީ މިފްކޯ. މަސްވެރިން ބާނާ މަހުގެ ދެބައިކުޅަ އެއްބައި މަސް އެއީ ރިޖެކްޓެޑް މަސް. އެއަށް ހަމަ އަގެއް ނުއެއްލިބޭނެ. އެހެންވީމާ ވިހި ރުފިޔާއަށް މަސްކިލޯއެއް ލިބޭއިރުގާ މި ރިޖެކްޓިވިބައި ލިބިގެންދާނީ އެއަށްވުރެ މާ ދަށް އަގުގައި. މަސް މިފްކޯއާއި ކުއްޑޫއާއި ހަމައަށް ގެންނައިރުގައި އޭގެ ބޮޑުބައި ރިޖެކްޓް މަސްގޮތުގައި ކޫއްޑޫއިން ކަނޑާ ނިންމާލާނެ. ދެން ކޫއްޑޫއިން ރޯމެޓީރިއަލްގެ ގޮތުގައި ތައިލެންޑަށް ގެންދާއިރުގާ އޭގެ އެތައް ޕަސެންތެއް ތައިލެންޑުން އެބަ ރިޖެކްޓްކުރޭ. މިހެންގޮސް މަސް ކިލޯއެއްގެ އަގު ލިބޭއިރު މަސްވެރިޔާގެ އަތުން އެތައް ބައެއް ގެއްލިގެންގޮސް ކުޑަވެފަ މި އޮންނަނީ. ސީދާ ރާއްޖޭގެ ކަނޑުތަކަށް އައިސް މަސް ގަތުމަށް ހުއްދަ ދީފިނަމަ ބޮޑު ބަދަލެއް ފެނިގެންދާނެ." ސައީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވީ، މަސް ގަތުމުގެ ހުއްދަ ދީފައިވާ ހަތަރު ކުންފުންޏަކީ ކޮބައިކަން މަސްވެރިންނަށްވެސް ނޭނގޭނެކަމަށެވެ. އެ ހަތަރު ކުންފުނިން މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ މަސްވެރިކަމުގެ ސިނާއަތު ފަހަތަށްދާ އެއް ސަަބަބުކަމަށްވެސް ޔާސިރު ވިދާޅުވިއެވެ. އަދި އެ ހަތަރު ކުންފުނިން މަސްވެރިންގެ ފައިދާއަށް އެއްވެސްކަމެއް ކޮށްދީފައި ނުވާކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.

"އެ ހަތަރު ކުންފުނި ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ނަމަވެސް އެބޭފުޅުންނަށް 2002 ވަނަ އަހަރު އެގްރިމަންޓެއް ހެދިފައެބައޮތް "އެކްސްކުލޫޝިވް ރައިޓްސް" ދެއްވާފައި. ނަމަވެސް ކޮބައިތޯ އެބޭފުޅުން ދިވެހި މަސްވެރިންނަށްޓަކައި ކޮށްދެއްވި މަސައްކަތަކީ. އެހެންވެ މިއަދު އަޅުގަނޑުމެން އެއްވެސް ޖެހިލުމެއް ނުވޭ ދިވެހި މަސްވެރިންނަށް އެބޭފުލުން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް އެ އެގްރިމަންޓްތައް ބާޠިލްކޮށްގެން އެ މަސްވެރިންނަށް ހަމައަގު ހޯދައިދޭންޖެހޭ. އެބޭފުޅުން އަގު ކަނޑައަޅާނީ. އެއީ ޤަބޫލުކުރެވޭނެކަމެއްނޫން. މި އިންޑަސްޓްރީ ފަހަތަށްޖެހޭނެކަމެއް މިއީ.

މި ޤަރާރަށް ވާހަކަދެއްކި އިދިކޮޅު މެންބަރު، ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވަނީ މި ޤަރާރުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ދިވެހި މަސްވެރިކަމަށް ކޮށްފާނެކަމަށްބުނެ މި ޤަރާރަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފައެވެ.

"މުދަލާއި ގޮތް ނޭގޭ މީހުން ރާއްޖެ އެތެރެކުރުމަށް، ރާއްޖެ އެތެރެވުމަށް ހުޅުވާލެވޭ ދޮރެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލުކުރަނީ، އަދި މި ދަންނަވާހެން ދިވެހިރާއްޖެއަށް ވަދެގެން ދިވެހިރާއްޖެއިން މަސް ގަންނަން މި ހުޅުވާލެވޭ ދޮރުތަކުގެ ބޭނުން އެންމެ ރަނގަޅަށް ކުރާނީ އަބަދުވެސް އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަހައްދުން ބޭރުގައި މި ހަރަކާތްތެރިބާ ބޮޑެތި ދާއަޅާ މަސްބޯޓުތައް، އަބަދުވެސް ލޯ އަޅައަޅާ މި ތިބެނީ ދިވެހި މަސްކަނޑުތަކުގައި ދާ އަޅާލެވޭނެ ވަގުތެއް ބަލަބަލާ މި ތިބެނީ" ޝިޔާމް ވިދާޅުވިއެވެ.

2002 ވަނަ އަހަރުންފެށިގެން މަސްގަތުމަށް ސަރުކާރުން އެގްރިމަންޓް ހަދާފައިވާ ހަތަރު ކުންފުންޏަކީ:

  • ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  • އައި.އޯ.އެސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
  • އައިލެންޑް އެޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
  • އީކޯ ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް