ކުޅިވަރު

ބައިވެރިވި ފުރަތަމަ އަހަރު ރިހިމެޑަލް! މަރުޚަބާ ޤައުމީ ބީޗް ވޮލީބޯޅަ ޓިމް!


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމުން ރިހިމެޑަލް ހޯދައިފިއެވެ.

މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ބީޗް ވޮލީބޯޅަ ޓީމުން ރިހިމެޑަލް ހޯދީ މިއަދި ކުޅުނު މެޗުގައި ސީޝެލްސްގެ މައްޗަށް ސީދާ ދެގޭމުން ކުރިހޯދައިގެން ކުރިހޯދައިގެންނެވެ.

ސީޝެލްސް އާއި ވާދަކުރި ފުރަތަމަ ގޭމްސްގައި ރާއްޖެއިން ނިކުތީ އަޙުމަދު މުޙައްމަދާއި، މުޙައްމަދު ޢަލީގެ ޕެއާއެވެ. މިމެޗް ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ދެސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންސިޔައީ 21-18އިންނެވެ. ދެވަނަ ސެޓު ގެންދިޔައީ 21-14އިންނެވެ.

ދެވަނަ މެޗް ރާއްޖޭގެ އެއްވަނަ ޕެއާ، ޝިއުނާޒް ޢަބްދުލް ވާޙިދާއި، އާދަމް ނަސީމްގެ ޕެއާއިން ގެންދިޔައީ ސީދާ ދެސެޓުންނެވެ. ފުރަތަމަ ސެޓު ފަސޭހަކަމާއިއެކު 21-13އިން ކާމިޔާބުކުރި އިރު، ދެވަނަ ސެޓު 21-14އިން ގެންގޮސް، ސީދާ ދެގޭމުން މެޗް ކާމިޔާބުކޮށް ރާއްޖެއިން ރިހިމެޑަލް ޔަގީންކުރިއެވެ.

ލީގު އުސޫލުން ކުޅުނު ބީޗްވޮލީ ޓިމް އިވެންޓުގެ ބައިން ރާއްޖެއަށް ރިހިމެޑަލް ލިބުނީ، ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިންމެޗް ކާމިޔާބުކޮށްގެން 11 ޕޮއިންޓާއިއެކު ތާވަލުގެ ދެވަނަ ހޯދައިގެންނެވެ.
ރާއްޖެ މުބާރާތުގައި ބަލިވީ ތާވަލުގެ އެއްވަނަ ހޯދާފައިވާ ރީޔޫނިއަން އަތުން އެކަންޏެވެ.
މިބައިގެ ގޯލްޑް މެޑަލް ހޯދާފައިވަނީ ރީޔޫނިއަންއިންނެވެ. މިއަދު ރީޔޫނިއަންވަނީ މޮރިޝަސް އާއި ވާދަކުރި މެޗް ކާމިޔާބުކޮށް ރަން މެޑަލް ޔަގީންކޮށްފައެވެ.