ޚަބަރު

ކުންފުނި ނުއުފައްދަނީސް ރިސޯޓް ތަރައްޤީކުރުމަށް ފަޅެއް ދޫކޮށްފައިވޭ- ޓޫރިޒަމް މިނިސްޓަރ


ކުންފުނި ރަޖިސްޓްރީ ނުކުރަނީސް، ކުރީ ސަރުކާރުން، ރިސޯޓް ތަރައްޤީކުރުމަށް ބަޔަކަށް ފަޅެއް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅުދައްކަވަމުން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، ކުންފުނި އުފަންނުވަނީސް މާލެ އަތޮޅުން ފަޅެއް ރިސޯޓް ތަރައްޤީކުރުމަށް ބަޔަކަށް ދޫކޮށްފައިވާ ކަމަަށެވެ.

" އިހަކަށްދުވަހު އަޅުގަނޑަށް ފެނިއްޖެ އުފަންނުވާ ކުންފުންޏަކަށް ލީސްކޮށްފައި އޮތް ފަޅެއް، އޭރުގެ ބަންޑާރަ ނައިބުގެ ލަފައެއްވެސް އެބައޮތް، އަޅުގަނޑު ކުށްވެރިއެއްވެސް ނުވާނެ އެއޮތްގޮތަށް އެކަން ކުރިއަށް ގޮއްސިއްޔާވެސް،" މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން އަމަލު ކުރާނެ ގޮތަކާއި މެދު މިހާރުގެ ބަނޑާރަ ނައިބުގެ ލަފައަކަށް އެދިފައިވާ ކަމަށް މިނިސްޓަރ ވަޙީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ރިސޯޓް ތަރައްޤީކުރުމަށް އެއް ރަށް، ތަފާތު 3 ފަރާތަކަށް ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަލީ ވަޙީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓްރީގެ ތެރޭގައި އުސޫލެއް، ހަމައެއް ނެތި އެތައް ކަމެއް ހިންގާފައިވާކަމަށެވެ. އެގޮތުން ރަށްތައް ދޫކުރުމާއި ފަތުރުވެރިކަމާ ގުޅޭ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.