ސިޔާސީ

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފްގެ މައްސަލަ އަނބުރާ ނަގަނީ


ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު މަޢުލޫމާތުދިންކަމަށް ތުހުމަތުކޮށް ފުލުހަށް ހުށައެޅި މައްސަލަ އަނބުރާ ނަގަން ވިސްނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ.

މިދިޔަ އަންގާރަ ދުވަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޞައްޙަ ނޫން މަޢުލޫމާތު ދީފައިވާކަމަށް އެ ކޮމިޓީގެ މުޤައްރިރު މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދަންނަވާފައިވާތީ އެ މައްސަލަ ތަޙްޤީޤްކުރުމަށް ފުލުހުންނަށް ހުށައަޅާފައިވަނީ އިއްޔެ.

މި މައްސަލައާއި ގުޅިގެން ބޭންކް އޮފް މޯލްޑީވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވަނީ މަޖިލީހަށް މިއަދު ސިޓީއެއް ފޮނުވާފައި. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް މަޖިލީހަށް މަޢޫލޫމާތު ދެއްވާފައިވަނީ އެވަގުތައް ހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށް ސިޓީގައި ބަޔާންކޮށްފައިވާކަމަށް. ނަމަވެސް އޭގެ ފަހުން ބީއެމްއެލްގެ ޗެކްތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އެކަން ބީއެމްއެލްގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ބެލުމަށްފަހު ތެދު މަޢުލޫމާތު މަޖިލީހާއި ހިއްސާކަުރުމަށް ޝާރީފް އެދިވަޑައިގެންފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި. އެހެންކަމުން ފުލުހުންނަށް ހުށައެޅި މައްސަލަ އަލުން އަނބުރާ ނެގުމަށް ވިސްނަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި.

" އަޅުގަނޑުގެ އަމާޒަކީ މިމަޖިލީހުގައި ތެދުބަހުން މީހުން ވާހަކަ ދެއްކުމަށް ބާރު އެޅުން، އެ މީހަކަށް އުޤޫބާތެއް ދިނުމެއްނޫން. އަދި މީހެއްގެ މައްޗަށް ތަޙްޤީޤެއް ހިންގުމެއް ވެސް ނޫން. އެހެންކަމުން އަޅުގަނޑު ދެކެނީ ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލް މިހާރު މި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އެދޭ ގޮތަށް އެއްބާރުލުން ގެންދަވާނެ ކަމަށް ވަރަށް ސާފުބަހުން ވިދާޅުވެ، ތެދުބަހުން ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމަށް ސިޓީފުޅުން ވަރަށް ބޮޑަށް އެބަ ސާފުވާތީ އަޅުގަނޑު ގަސްތުކުރަން މާލިއްޔަތު ކޮމިޓީއިން އެދިގެން ހުށަހެޅި މައްސަލަަ މާލިއްޔަތު ކޮމިޓީގެ މުގައްރިރާއި މަޝްވަރާ ކުރުމަށް ފަހު، މި މަޖިލީހުން ފުލުސް އޮފީހުގައި އެދިފައި އޮތް އެދުމާ މެދު އަލުން އަނބުރާ އަޅުގަނޑުމެން ވިސްނުމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ އެމްއެމްއެމްޕީއާރުސީގެ ޗެކްތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން. މިދިޔަ އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑީވްސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާލުވެފައިވަނީ "ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ އެއްވެސްޗެކެއް އެންޑޯސްކޮށް އެހެން އެކައުންޓަކަށް ޖަމާކޯށްފައިނުވާނެކަމަށް.

ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދިނުމަކީ ޖިނާޢީ ދައުވާ އުފުލޭނެ ކުށެއްކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވޭ.