ރާއްޖޭގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ، އެމްއެންޑީއެފުން ބާއްވާ ޝަރަފުގެ ހިނގާލުން މާލެ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ ޝަރަފުގެ ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ސިފައިންގެ މައި މަރުކަޒު އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް ކަމަށެވެ. އަދި މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، ޢިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ޝަރަފުގެ ހިނގާލުމުގައި 5 ސަރަޙައްދެއްގައި ހުއްޓުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވަނީ މުލިއާގެ ކައިރި އާއި ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅިކަންމައްޗާއި މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރު އަނގޮޅިކަންމަތީގެ މަޖީދީ މަގު މާފަންނު ސަހަރާ ކުރިމަތީގައެވެ.
މި ޝަރަފުގެ ހިނގާލުމުގައި ހުއްޓުމަށް ހަމަޖެހިފައިވާ ފަސް ސަރަޙައްދުގައި ސިފައިންގެ ބޭންޑުގައި އެކި ރާގުތައް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.