ތަރައްްޤީ

ގެދޮރު ޢިމާރަތްކުރުމަށް އިންޓްރެސްޓް ކުޑަ ލޯން އަންނަ މަހު ދޫކުރަން ފަށަނީ


ގެދޮރު ޢިމާރަތްކުރުމަށް ކުޑަ އިންޓްރެސްޓަކާއެކު ދޫކުރަން ސަރުކާރުން ނިންމާފައިވާ ލޯނުގެ ފުރުޞަތު އަންނަމަހުގެ ފަހުކޮޅު ހުޅުވާލާނެކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓް އާމިނަތު އާޠިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީގައި އިމާރަތްކުރާ ހައުސިންގ ޔުނިޓްތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް މަޖިލީހަށް ޙާޒިރުކުރުމުން މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ހައުސިންގ މިނިސްޓަރ އާޠިފާ ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފުޅާކުރުމަށް ފަސް އިންސައްތައާއި ހަ އިންސައްތަ އިންޓްރެސްޓް ހިމެނޭ ލޯން ދޫކުރުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވާ، ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި އެމްއެމްއޭއާއި ކަމާގުޅުންހުރި އިދާރާތަކާއި މާލީ އިދާރާތަކާއި އެކަމާގުޅޭ މަޝްވަރާތައްކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ކުރިއަށްދަނީ އެކަމުގެ ފަހުގެ ޑްރާފްޓްގެ މަސައްކަތްކަމަށްވެސް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. އަންނަ މަހުގެ ފަހުކޮޅު އިންޓްރެސްޓް ކުޑަ ހައުސިންގ ލޯން ދޫކުރެވޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާނެކަމަށްވެސް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.

"އޮގަސްޓްމަހުގެ ފަހުކޮޅު ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ފަސް ޕަސެންޓާއި ހަ ޕަސެންޓް އިންޓްރެސްޓްގަ ރާއްޖޭގެ އެތކިކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމުގެ ލުއި ލޯން ދޫކުރެވޭނެ. އަދި މިކަމާގުޅޭ ސިޠާސަތުތައް ސަރުކާރުގެ އިދާރާތަކާއެކު އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަން.
ހައުސިންގ މިނިސްޓަރ ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލޯނަށް އެދެވޭނެ ފުރުޞަތު ހުޅުވާލާނެކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މެންބަރަކު ވަނީ ކުރިން އިމާރާތްކުރަން ފަށާފައިވާ ހައުސިންގ މަޝްރޫޢުތައް ނުނިމެނީސް އެތަންތަން ވީރާނާވެ ރައްޔިތުންނަށް ގެދޮރު ލިބުމިުގެ ކުރިން ބޮޑެތި ޚަރަދުކުރަންޖެހޭ މައްސަލައާއި ގުޅޭގޮތުންވެސް ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ އާމިނަތު އާޠިފާ ވިދާޅުވީ، ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ ފެންވަރު ބެލުމަށް ސުޕަވައިޒަރުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާއި، އެގޮތުން މިހާތަނަށް ސުޕްވައިޒަރުން ހޯދުމަށް ކުރި އިޢުލާނަށް ތަރުހީބެ ނުލިބުމުގެ ސަބަބުން އަލުން އިޢުލާނުކުރައްވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ޢިމާރާތްކުރާ ތަންތަނަށް ވީރާނާވެ ހަލާކުވަނީ އެތަންތަނުގެ ފެންވަރު ނުބެލެހެއްޓިގެންކަމަށާއި، އެތަންތަން ރައްޔިތުން ވަންނަވާއިރަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ގިނަކަމަށެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ހުރިހާ މަޝްރޫޢުތަކުގެ ފެންވަރު ބެލުމަށް ސުޕަވައިޒަރުން ހޯދަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިނިސްޓްރީގެ ޕްރޮޖެކްޓް ޑޮޕާޓްމަންޓްގެ ކެޕޭސިޓީ އިތުރުކޮށްގެންވެސް އެ މަސައްކަތްކުރާނަން. އަޅުގަނޑުމެން ކުރިއަށްގެންދާ ހުރިގާ މަޝްރޫޢުތަކެއްގެ ފެންވަރު ބެލޭނެގޮތެއް އިންތިޒާމްކުރަން މިދަނީ މަސައްކަތްކުރަމުން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އަތޮޅުތެރޭގައި ފަށާ ހައުސިންގގެ ބޮޑެތި މަޝްރޫޢުތައް އަންނަ އަހަރު ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ހދ.ހަނިމާދޫއާއި ކުޅުދުއްފުށްޓާއި، ނޮޅިވަރަންފަރާއި ތ.ވިލުފުށީގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރު އިސްކަންދޭނީ ކުޑަ ޚަރަދެއްކޮށްގެން ކުރިއަށްގެދެވޭ މަޝްރޫޢުތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.