ކުޅިވަރު

ޓީމް އިވެންޓްގެ ތަރިއަކީ ދީމާ! ފައިނަލްގައި ވިދާލީ ރަފާ!


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލް ހޯދުމާއިއެކު ގިނަ ބަޔަކު އަންނަނީ އަންހެނުންގެ ޓޭބަލް ޓެނިސް ޓީމްގެ ކުޅުންތެރިންނަށް ތައުރީފު އޮއްސަމުންނެވެ. ގްރޫޕް ސްޓޭޖުގައި މޮރީޝަސް އަތުން ހޯދި މޮޅަށްޓަކައި އެންމެންވެސް ފާޠިމަތު ދީމާ ޢަލީއަށް ތައުރީފުކުރެއެވެ. އެހެންނަމަވެސް ފައިނަލް މެޗަށްފަހު ޢާއިޝަތު ރަފާ ނާޒިމްގެ ނަންވެސް އެލިސްޓަށް އިތުރުވެއްޖެއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ޓައިގައި، ދީމާ ބަލިވުމާއިއެކު ދިވެހި ޓީމް މެޗުން މޮޅުވުމުގެ ބޮޑު ޤައުމީ ޒިންމާ، އުފުލަންޖެހުނީ ރަފާ ނާޒިމެވެ. އެހެންނަމަވެސް އެންމެ ބޮޑުޕްރެޝަރެއް ކުރިމަތިވި ދެމެޗުގައި އޭނާ ދެއްކި މޮޅުކުޅުމާއިއެކު ރަފާއަށް ތައުރިފު އަންނަނީ އޮހެމުންނެވެ.

އަންހެނުންގެ ޓީމު އިވެންޓްގެ ރަން މެޑަލް ދިވެހިރާއްޖެއަށް ހޯދައިދިން މެޗަށްފަހު، ރަފާ ބުނީ ދެވަނަ މެޗަށް ނިކުތްއިރު ދީމާ ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން ކުޑަކޮށް ޕްރެޝަރަށް ދިޔަކަމަށާ، އެހެންނަމަވެސް އޭނާގެ "ބެސްޓް" ދެއްކިއްޖެނަމަ މޮޅުވާނެކަމުގެ ޔަގީންކަން އޭރުވެސް އޮތްކަމަށެވެ. ފުރަތަމަ ޓައިއިން ދީމާ ބަލިވިކަމުގައިވިޔަސް ދީމާ އޭނާ ކުޅޭ ދެވަނަ މެޗު ގެންނާނެކަމުގެ ޔަގީންކަން އޮތްކަމަށާ، ޕްރެޝަރެއް ނެތި ކުޅެވުނު މައިގަނޑު ސަބަބަކީ އެއީކަމަށްވެސް ރަފާ ބުންޏެވެ.

"އަބަދުވެސް ވިސްނުމުގައި ހުރީ މޮޅުވީމައޭ ރަން މެޑަލް ލިބޭނީ، އެހެންވެ މާ ބޮޑު ޕްރެޝަރެއްނެތް. ހަމަ ނޯމަލް މެޗެއް ގޮތަށް ވިސްނައިން ކުޅުނީ. އެހެންވެ އެހާ ބޮޑަށް ބޭރުންވާ ކަންކަމަށް ފޯކަސް ނުކުރަން." ރަފާ ބުންޏެވެ.

2015ވަނަ އަހަރު ލޯ މެޑަލް ހޯދި އަންހެނުންގެ ޓީމުގައިވެސް ހިމެނުނު ރަފާ ބުނީ މިދިޔަ ފަހަރުގެ މުބާރާތުގައި ލިބުނު ތަޖުރިބާގެ ސަބަބުން މިފަހަރުގެ ނަތީޖާ ނެރުނު މެޗުގައި ހަމަޖެހިގެން ކުޅެން ފަސޭހަވިކަމަށެވެ. މޮރީޝަސްގެ ސަޕޯޓަރުންގެ އަޑު ކިތަންމެ ގަދަވިޔަސް އަބަދުވެސް ވިސްނީ އާދައިގެ މެޗެއްގެ ގޮތުގައި މިމެޗު ކުޅެ ޓީމު މޮޅުކޮށްދޭންކަމަށް އޭނާ ބުންޏެވެ.