 
					
									
			ފިޓްނެސް ދާއިރާއަށް ޚާއްސަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ އެކްސްޕޯ "މޯލްޑިވްސް ފިޓްނަސް އެކްސްޕޯ" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 
ޖުލައި 19އިން 21ގެ ނިޔަލަށް މާލޭ ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ މި އެކްސްޕޯއަކީ ރާއްޖޭގެ ފިޓްނަސް ދާއިރާއަށް އާންމުން ހޭލުންތެރިކޮށް، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ މަޤްސަދުގައި ބޭއްވި އެކްސްޕޯއެކެވެ. 
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފިޓްނެސް އެކްސްޕޯ ހިންގާ ކުންފުނި، އިންސައިޓް ކޮންސަލްޓަންސީ ސަރވިސް، އައިސީއެސްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އަބްދުﷲ އަފްޒަލް ވިދާޅުވީ ފުރަތަމަ ފަހަރަށް ބޭއްވި އެކްސްޕޯއަކާއި އަޅާބަލާއިރު ފިޓްނަސް އެކްސްޕޯއަށް ލިބުނު ތަރުޙީބު ރަނގަޅުކަމަށެވެ. އެގޮތުން ތިން ދުވަހުގެ ތެރޭ ހާހަކަށް ވުރެ ގިނަ މީހުން އެކްސްޕޯއަށް ޒިޔާރާތްކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 
އަފްޒަލް ވިދާޅުވީ އައިސީއެސްގެ އަމާޒަކަށްވީ ރާއްޖޭގެ ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިޝްތިހާރުކޮށް މިދާއިރާއިން އެފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުންކަމަށެވެ. އަދި މި އެކްސްޕޯގެ ތެރެއިން މިފަރާތްތަކަށް ރަނގަޅު ފުރުސަތުތައް ފަހިވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 
" މިތިން ދުވަސްތެރޭ އާންމުންނަށް އެނގިގެން ގޮއްސި ރާއްޖޭގެ ފިޓްނެސް ދާއިރާގައި ހުރި ފުރުސަތުތައް. ހަމައެކަނި ޖިމްތަކެއް ނޫންކަން މިހުންނަނީ..މާޝަލް އާޓްސް އެބަހުރި. ޑައިވިންގ ގެ ފުރުސަތު އެބަހުރި. ސިއްޙަތައް ފައިދާހުރި ތަފާތު ޕްރޮޑަކްޓްސް ވިއްކާ ފަރާތްތައް އެބަހުރި. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިއީ ކާމިޔާބު އިވެންޓެކޭ" އަފްޒަލް ވިދާޅުވިއެވެ. 
އަފްޒަލް އިތުރަށް ވިދާޅުވީ އެކްސްޕޯގައި ބައިވެރިވުމަށް ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކުން ވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށާއި އުއްމީދަކީ ކުރިއަށްއޮތްތާނގައި މިއަށްވުރެ ފުޅާކޮށް އެކްސްޕޯ ބޭއްވުންކަމަށެވެ. 
" އިންޓަރނޭޝަނަލް ޕާޓީސްތައް އެބައުޅޭ މިކަމަށް ޝައުޤުވެރިވާ، ރާއްޖޭގެ ފިޓްނެސް ދާއިރާއަށް އެއްބާރުލުންދޭން ބޭނުންވާ. ދެން އަންނަ ފަހަރަކު އަޅުގަނޑުމެންނަށް އެބޭފުޅުން ގެނެސް ރާއްޖޭގެ އެގްޒިބިޓަރުންނާއި އެބޭފުޅުންނާއި ދެމެދު ގުޅުން ބަދަހިކޮށް ރަނގަޅު ފުރުސަތުތަކެއް ހުޅުވާލެވޭނެ." އަފްޒަލް ވިދާޅުވިއެވެ.  
މި އެކްސްޕޯގައި ފިޓްނަސް ދާއިރާއާއި ގުޅުންހުރި 10 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ފިޓްނެސް ޖިމްތަކާއި މާޝަލް އާޓްސް ދަސްކޮށްދޭ ޖަމިއްޔާތަކާއި ނިއުޓްރިޝަން ސަޕްލައިކޮށްދޭ ފަރާތްތަކާއި ވިޔަފާރިތައް ހިމެނެއެވެ. 
ތިން ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މޯލްޑިވްސް ފިޓްނެސް އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު ކުރިއަށްއޮތް އަހަރުތަކުގައި ވެސް އެކްސްޕޯ ބޭއްވުމަށް ނިންމާފައިވާކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.