ރިޕޯޓް

އެންޓި ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން އިފްތިތާހް ކޮށްފި


އިންސާނުންގެ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންގެ ނުބައި އަމަލަށް ރާއްޖެއިން ފުރުސަތު ނުދޭނެކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ދުންޔާ މިހެން ވިދާޅުވީއަލަށް އެކުލަވާލި އެންޓި ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.މިއަދު އިފްތިތާހް ކުރި އެކްޝަން ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް އަމަލުކުރުމަށް އެކުލަވާލި އެކްޝަން ޕްލޭނެކެވެ.ދިވެހިރާއްޖެއަކީވެސް ހިއުމަން ޓްރެފިކިންގެ މައްސަލަތައް އޮތް ގައުމެއްގެ ގޮތުގައި ހިއުމަން ރައިޓްސް ވޮޗްއިން ކަނޑައަޅާފައިވާ ގައުމެކެވެ. އެގޮތުން ރާއްޖެއަށް ގަވާއިދާއި ޚިލާފަށް އެތެރެކުރެވޭ ބިދޭސީންނާއި އަދި ބިދޭސީ މަސައްކަތު މީހުންގެ ހައްގުތައް ހިފެހެއްޓުމުގައި  ރާއްޖެ ހިމަނާފައިވަނީ ޓަޔަރ ދޭއްގައެވެ.މިއަދު އިފްތިތާހް ކުރި އެކްޝަން ޕްލޭންގެ ސަބަބުން އިންސާނުންގެ ވަގުފާރި ހުއްޓުވުމުގައި ރާއްޖެއަށް ލިބެމުންދާ ކާމިޔާބީތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވުމަށްފަހު  ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ މި ނުބައި އަމަލަށް ދިވެހިރާއްޖެއިން ޖާގަ ނުދޭނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި މައްސަލަތަކަށް ހަރުދަނާ ފިޔަވަޅުތައް އަޅާ، މިފަދަ އަމަލުތައް ރާއްޖެއިން ނައްތާލުން ކަމަށެވެ.މި އެކްޝަން ޕްލޭން އެކުލަވާލައިފައިވަނީމިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ސްޓިއަރިން ކޮމެޓީއަކުންނެވެ.މި ކޮމެޓީގެ ޗެއަރމަން އަދި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް އެޅިގެންދިޔަ މި ފަޔަވަޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، މިފަދަ އަމަލުތައް ނައްތާލުމަކީ ބައިނަލްގްވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަން ލިބޭނެ ކަމެއްކަމަށެވެ. މިފަދަ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުވާނެ ކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.ހިއުމަން ޓްރެފިކިންގެ މައްސަލަތައް ބަލާ، އަދި ތަންފީޒު ކުރާ ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް އެފަދަ އަށް މައްސަލައެއް ފުލުހުން ތަހުގީގުކޮށްފައިވާކަމަށެވެ. މި މައްސަލަތަކުގެ ތެރޭގައި ދިވެހިންނާއި، ބިދޭސީންވެސް ހިމެނޭކަމަށް ސީ ޕީ ވިދާޅުވިއެވެ.ކުރިއަށްއޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ އެންޓި ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭންގެ ދަށުން މިވަގުތު ހަތަރު ކަމެއް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ ތެރޭގައި އިމްގްރޭޝަނާއި ގުޅިގެންބޯޑަރު ކޮންޓްރޯލްގެ ކަންތައްތައް ހަރުދަނާ ކުރުމާއި،ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވާ ފަރާތްތައް ތިބުމަށް ހުޅުމާލެއިން ބިމެއް ހޯދުމާއި، މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް 24 ގަޑިއިރުގެ ހޮޓްލައިނެއް ގާއިމް ކުރުމާއި، އަދި އާންމު ހޭލުންތެރި ކުރުވުމުގެ ކެމްޕެއިންތައް ހިމެނެއެވެ.