ޚަބަރު

ބްރިޖްގެ ތަނބުތައް ބަހައްޓާނެ ދިމާ ބެލުމުގެ ތަހުލީލުތައް ފަށައިފި


މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށްޓަކައި ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.މާލޭގެ އިރުމަތީ ފަރާތު ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ހުޅުލެއާއި ދެމެދު ނަވާވީސް ތަނަކުން 50 މީޓަރު އަޑިއަށް ބޯހޯލް ތޮރުފާނެއެވެ.މީ ބްރިޖްގެ ތަނބުތަކާއި، އޭގެ ބުޑުތައް ގާއިމްކުރާނެ އެންމެ ރަނގަޅު ސަރަހައްދު ކަނޑައެޅުމަށްޓަކައި އެއްކުރާ ޓެކްނިކަލް މައުލޫމާތުތަކެކެވެ.ބޮހޯލް ތޮރުފައިގެން ނަގާ އެންމެ ބޮޑު މައުލޫމާތަކީ ތަނބުތައް ޖަހާނެ ސަރަހައްދު ފައިނަލްކުރުމާއި، އޭގެ ފައުންޑޭޝަން ޑިޒައިން ކުރުމަށް ނެގޭ ޑާޓާތައް އެއްކުރުމެވެ.މި ރަސްމިއްޔާތު ފެށުމަށް މިއަދު ހެނދުނު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބް ވިދާޅުވީ، ރައީސް ޔާމީންގެ މި ވައުދަށް ބޭނުންވާ އެންމެ ހާއްސަ ކޮމްޕޮނެންޓް ކަމަށްވާ އެމަނިކުފާނުގެ ދުރު ވިސްނުމުން މިހާރު ހުޅުމާލޭގެ ދެނަ ފޭސް  ހިއްކާ ނިމިފައި ވާއިރު، އެތަނުގެ މަގުތަކާއި ރިވެޓްމަންޓް މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންކަމުން މި ގުޅަލެވެނީ މާލެ އާއި އެއާޕޯޓު އެކަނި ނޫންކަމަށާއި، މިގުޅާލެވެނީ ޒުވާނުންގެ އުންމީދު ކަމަށް އަދީބު ވިދާޅުވިއެވެ.ބްރިޖްގެ ވައުދާ އެކު ރައީސް ޔާމީން ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެހެން ވައުދުތައް ވެސް ފަސް އަހަރު ތެރޭގައި "ހަވާ ފަޓާސް ބަރިއެއްހެން" ފުއްދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބޯހޯލް ތޮރުފުމަކީ ބްރިޖް އެޅުމަށް ބޭނުންވާ އެންމެ މުހިއްމު އެއް މަސައްކަތްކަމަށެވެ.މިނިސްޓަރ މުއިއްޒު ވިދާޅުވީ އަންނަ މަހު ބްރިޖުގެ ޑިޒައިން ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ހުށައަޅާނެކަމަށެވެ. ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ ވެސް އުއްމީދަކީ، މި އަހަރު ފަހުކޮޅު ބްރިޖްގެ އަމަލީ މަސައްކަތް ފެށުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ބްރިޖު އެޅިޔަސް، އެ ސަރަހައްދުގައި ރާޅާއަޅާ ކުދިންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށެވެ.ޗައިނާގެ ޓެކްނިކަލް ޓީމާއެކު ކުރި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ އެސަރަހައްދުގައި ރާޅާ އަޅާ ކުދިންނަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަކަށް މި މަސައްކަތް ނިންމާލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރުން ވައުދުވި ހުރިހާ ކަމެއް ފުއްދަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ މިނިވަން ފަންސާސް ފާހަގަކުރާ އަހަރު ބްރިޖްގެ އަމަލީ މަސައްކަތްފެށިގެން ދިއުމަކީ ކުރިއަށް އޮތް ފަންސާސް އަހަރަށްވެސް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.ބްރިޖްގެ ސާވޭ މަސައްކަތް ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. ބޯހޯލް ތޮރުފުމުގެ މަސައްކަތް ގާތްގަނޑަކަށް 40 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ލަފާކުރެއެވެ.