ޚަބަރު

ބަޖެޓުގެ ދަތިކަން ބޮޑު! ގިނަ މަޝްރޫޢުތަކެއް ނުފެށި އެބަހުރި - އަސްލަމް


މިއަހަރަށް ޕްލޭނިންގ މިނިސްޓްރީއިން ކުރަން ނިންމި މަސައްކަތްތަކުގެ ތެރެއިން ނުފެށި ހުރި މަޝްރޫޢުތަކަކީ ބަޖެޓުގެ ދަތިކަމާހުރެ ނުފެށި ހުރި މަޝްރޫޢުތައްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މިދިޔަ އަހަރު ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫޢުތަކަށް އެކަށީގެންނުވާ ކުޑަ އަދަދުތައް ކަނޑައަޅާފައި ހުރިކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީ އަލަށް އެކުލަވާލުމާއެކު މިއަހަރުގެ ބަޖެޓުން ޕްލޭނިން މިނިސްޓްރީގެ ދަށަށް ވަނީ ގިނަ މަޝްރުޢުތަކެއް ބަދަލުކޮށްފައެވެ. އެމިނިސްޓްރީން ކުރައްވަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި 43 ބަނދަރު މަޝްރޫޢުއާއި މަގުހެދުމުގެ 19 މަޝްރޫޢުއާއި ފެނާއި ނަރުދަމާ ހިމެނޭގެން އެކުގައި ހިންގާ 53 މަޝްރޫޢިއާއި، ވަކިން ހިންގާ ފެނުގެ 39 މަޝްރޫޢުއާއި 12 ނަރުދަމާ މަޝްރޫޢުއާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 20 މަޝްރޫޢުއާއި، 2ރަށެއްގައި ފާލަން ހެދުމާއި ބިންހިއްކުމުގެ 20 މަޝްރޫޢުއެއް ހިމެނެއެވެ. މިއީ ޖުމްލަ 208 މަޝްރޫޢުއެވެ.

ޕްލޭނިންގ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު މީޑިއާއާ ހިއްސާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ފަށާފައިވަނީ 36 މަޝްރޫޢުކަމަށެވެ. އެއީ ފެނުގެ 3 މަޝްރޫޢުއާއި ނަރުދަމާގެ 1 މަޝްރޫޢުއާއި، ފެނާއި ނަރުދަމާ ހިމެނޭހެން އެކުގައި ކުރިއަށްގެންދާ 11 މަޝްރުޢުއާއި މަގުހެދުމުގެ 7 މަޝްރުޢާއި ބަނދަރު ހެދުމުގެ 14 މަޝްރޫޢުއެވެ. މި މަޝްރުޢުތަކަށް 1.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އިންފްރާސްޓްރަކްޗަރ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ޖުމްލަ ބަޖެޓަކީ 1.3 ބިލިއަން ރުފިޔާއެވެ.

"1.1 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރުވަނީ އެވޯޑްކޮށްފައި. ބައެއް މަސައްކަތްތައް ސައިޓުގައި ފަށާފައި، އަނެއްބައި މަސައްކަތްތައް ފެށުމުގެ މަގުމަތީގައި. މިހާރު ނުފެށި ހުރި ގިނަ މަޝްރޫޢުތަކަކީ އެކަމަށް ހުރި ފައިސާ މަދުވެގެން ނުފެށިފައި ހުރި މަސައްކަތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުހެދި ބަޖެޓުގައި ބައެއް މަޝްރޫޢުތައް ހިންގުމަށް، އެކަމަށް އެކަށީގެން ނުވާ ކުޑަ ބަޖެޓުތައް ކަނޑައަޅާފައި ހުރިކަމަށެވެ.

"ބަޖެޓުގައި އެބަހުރި 1މިލިއަން ރުފިޔާ ފެނުގެ މަޝްރުޢުތަކަށް ކަނޑައަޅާފައި. މިއީ ވަރަށް ކުޑަ ޢަދަދެއް. ނަމަވެސް ބަޖެޓުގައިއޮތް އެއްވެސް މަސައްކަތެއް ދުލެއް ނުކޮށްލާނަން. ޑިޒައިންގެ މަސައްކަތް ނަމަވެސް ކުރާނަން. އަދި މިފަދަ މަޝްރޫޢުތައް އަންނަ އަހަރު ބަޖެޓުގައި ހިމަނާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ޓެންޑަރ ސްޓޭޖްގައި އެބަހުއްޓެވެ. އެއީ ބަނދަރު ހެދުމުގެ 4 މަޝްރޫޢުއާއި، މަގެހެދުމުގެ 14 މަޝްރޫޢު، ފެނާއި ނަރުދަމާ އެކުގައި ކުރިއަށްގެންދާ 26 މަޝްރޫޢު، އަދި ފާލަން ހެދުމުގެ 1 މަޝްރޫޢުއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މިދިޔަ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫޢުއެއްގެ މަސައްކަތް މިސަރުކާރުން ހުއްޓާނުލާނެކަމަށެވެ.