ކުޅިވަރު

ޔޫއެފާ އެސިސްޓް މުބާރާތް: ސައުދީގެ މައްޗަށް ލެޓްވިއާއަށް ފަސޭހަ މޮޅެއް


ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތައި މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު ލެޓްވިއާއިން ކާމިޔާބުކޮށްފިއެވެ. ސައުދީ އަރަބިއްޔާއާއި ވާދަކޮށް މި މެޗު ލެޓްވިއާއިން ކާމިޔާބުކުރީ 1-4 އިންނެވެ.

ބޮޑުބައި ލެޓްވިއާ ކޮންޓްރޯލް ކުރި މިމެޗުގައި ސައުދީ ޓީމުން ވަނީ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 5 ވަނަ މިނެޓުގައި ބަދްރު ވަލީދު އަލްޙަރްބީ އެވެ. ނަމަވެސް މިނަތީޖާއާއި އެކު ސައުދީ އަށް ހަމަނުޖެހި އުޅެނިކޮށް ލެޓްވިއާއަށް ސައުދީ ގޯލު ކައިރިން ލިބުނު ޖެހުމެއްގެ ބޭނުން ހިފައި ޕާސްކޮށްގެން ޖެހި ބޯޅަ ލެޓްވިއާގެ ކެޕްޓަން ކކްރިސްޓާސް ވޮލްކޯވްސް ވަނީ ކާމިޔާބު ކޮއްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ސައުދީ ޓީމަށް އިތުރަށް ޕްރެޝަރު ބޮޑުވެގެން ދިޔައީ އެޓީމުގެ ތުރްކީ މަޝްހޫރު އަލްޤުމައިލް އަތުން ބައި ކޮޅަށް ވަތް ލަނޑާއެކުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން ލެޓްވިއާ ކުރީގަ އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ލެޓްވިއާއިން ވަނީ ކޮންޓްރޯލް ކޮއްފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސައުދީ ޓީމު ފަޅީގައި ޕާސިންގް ގޭމެއް އެޓީމުން ކުޅުނެވެ. ސައުދީ ޓީމުން ލިބުނު ކައުޓާރ އެޓޭކް ފުރުސަތުތަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުހިފި ދިއުމުގެ ނަތީޖާ އަކަށްވީ ލެޓްވިއާގެ ބުރޫނޯ މެލްނިސް 56 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖެހުމެވެ. މި މެޗުގައި ލެޓްވިއާއިން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކް ސްލިއޭޑެ އެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސައުދީ ކޯޗް، މުހައްމަދު އަމީން ބުނީ އެޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ނަމަވެސް މެޗުގައި ބޮޑަށް ދެއްކީ ސައުދީ ޓީމާއި ލެޓްވިއާ ޓީމުގެ އުމުފުރައިގެ ތަފާތު ކަމަށެވެ.

މެޗުގެ ނަތީޖާ އާއި ބެހޭ ގޮތުން ލެޓްވިއާ ޓީމުގެ ކޯޗް، އެލެކްސެޑާސް ބާސޯވްސް ބުނީ، ދެދެވަސް ތެރޭ ހޫނަށް އޭނާގެ ކުޅުންތެރިން އަހުލުވެރި ނުވުމުން ފުރަތަމަ ކޮޅު ދައްކޮށް ދިޔަ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ކޯޗް ފާހަގަކުރި ގޮތުގައި ސައުދީ ޓީމަކީ ވަރުގަދަ ޓީމަކަށް ވުމުން ދެވަނަ މެޗެއްގައި ނަތީޖާ ބަދަލުވުން ވެސް އެކަށީގެން ވާކަމަށެވެ.

މިނަތީޖާއާއި އެކު ލެޓްވިއާ އަދި ބޫޓާން މުބާރާތް ފެށީ 3 ޕޮއިންޓާއި އެކުގައެވެ. މުބާރާތުގައި ދެން މެޗެއް ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހު ހަވީރު އެވެ. އެމެޗުގައި ބައްދަލުކުރާނީ ސައުދި އަރަބީއްޔާ އާއި ދިވެހިރާއްޖެ އެވެ.