ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓްގެ ގޮޅިތަކުން މިހަފްތާތެރޭ ވިޔާފާރި ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ރަށު މާރުކޭޓުގެ ގޮޅިތައް 42 ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާއިރު މިހަފްތާގެ ތެރޭގައި ހުރިހާ ގޮޅިތަކުންވެސް ވިޔަފާރި ފަށާނެކަމަށެވެ. އެގޮތުން މިހާރުވެސް މާރުކޭޓުގެ ބައެއް ގޮޅިތަކުން ވިޔަފާރިކުރަން ފަށާފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި މާރުކޭޓުގައި ޖުމްލަ 57 ގޮޅި ހިމެނެއެވެ. ގޮޅިތައް ދޫކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅި ހިމެނެއެވެ. މި ގޮޅިތަކުގެ ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.
މާރުކޭޓު ފަރުމާކޮށްފައިވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަ ގޮޅިތަކެއް ހިމެނޭގޮތަށެވެ.
ހުޅުމާލެ ފެރީ ޓާރމިނަލް ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ މި ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހިން އުފައްދާ ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް އާއްމުނަށް ފަސޭހަކަމާއިއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ.