ޚަބަރު

ސަރުކާރުން ހިންގާ ބޮޑު 4 މަޝްރޫޢުއެއްގެ މަސައްކަތް އެކި މަރްޙަލާތަކުގައި ކުރިއަށް އެބަދޭ - މިނިސްޓަރ އަސްލަމް


މިއަހަރު ނިމުމުގެ ކުރިން ވިލިމާލެއާއި ވިލިނގިއްޔާއި ގުޅީފަޅާޢި ތިލަފުށި ގުޅާލާ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ފަށަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓުގެ ދަށުން ހިންގަން ފަށާފައިވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުން، މިއަހަރަށް ފާސްކުރި ބަޖެޓުން ހިންގާ މަޝްރުޢޫތައް ކަަމަށެވެ. މިނިސްޓަރވަނީ އަލަށް ފަށާ ބޮޑު 4 މަޝްރޫޢެއްގެ ބައެއް ޢަމަލީ މަސައްކަތްތައް މިއަހަރު ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ މާލެއާއި ވިލިމާލެއާއި، ގުޅީފަޅާއި ތިލަފުށި ބްރިޖަކުން ގުޅާލާ މަޝްރޫޢު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫޢު ރަސްމީކޮށް އިޢުލާންކޮށްފައިވާއިރު މިކަމާއި ގުޅޭ މަސައްކަތްތައް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން މި ބްރިޖް މަޝްރޫޢު ކުރިއަށްގެންދާނެގޮތުގެ ޓައިމްލައިންތައް މިހާރު ހަދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބްރިޖްގެ ކުރެހުންތައް ފައިނަލް ކުރުމަށް ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ.

"މިހާރު މިދަނީ އެކަމަށް ގުޅީފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން. ޓައިމްލައިނާއި އެއްގޮތަށް ކުރިއަށްދަނީ. ޑީޓެއިން ކުރެހުންތައް ވަަރަށް އަވަހަށް ހަދާނަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދެން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރަމުންދަނީ ޑޮމެސްޓިކް މެރިޓައިން ޓްރާންސްޕޯޓް ނުވަތަ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެ ހިމެނޭހެން ދަތުރުފަތުރުން ގުޅާލާއިރު، އިތުރު އެއަރޕޯޓްތަކާއި ކަނޑު ދަތުރުގެ ނިޒާމު ފުޅާކުރާނެކަމަށެވެ. އަދި ކޮންމެ ރަށަކީވެސް 20 މިނެޓުން ދަތުރުކުރެވޭ ރަށްތަކަކަށް ހައްދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންނަށް ބަރޯސާވެވޭ، އަގުހެޔޮ ނިޒާމަކަށް ހައްދަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ލިންކެއް ގެންނާނަން. މިއީ ޚަރަދުބޮޑު ކަމެއް. ނަމަވެސް ފަހުން މި މަސައްކަތް ކުރުމަށް އަމިއްލަ ފަރާތްތަކަށްވެސް ހުޅުވާލާނަން. އަމާޒަކީ މި ދެ މަސައްކަތް އަންނަ އަހަރުގެ ކުރިން ފެށުން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލޭ ޕޯޓް ގުޅީފަޅަށް ބަދަލުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މިއަހަރު ފެށުމަށް އިކޮނޮމިކް މިނިސްޓްރިއިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ބޮޑު ސިޓީ، އައްޑޫ ތަަރައްޤީކުރުމުގެ ޕްލޭންތަކެއްވެސް ހަދަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބޭނުންވާ ޕްރޮޖެކްޓަތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.