ޚަބަރު

އައްޑުއާއި ފުވައްމުލަކުގެ ދަތުރުފަތުރުގެ ނިޒާމް މިފްކޯއާ ހަވާލުކޮ


އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ވީ.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލާ، އެ މަސައްކަތް ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާއި ހަވާލުކޮށްފިއެވެ.އިކޮނޯމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، އެމް.ވީ.ކޭއާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލަން ނިންމީ، އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ދަތުރުފަތުރުގެ ކަންކަން އެންމެ އެކަށީގެންވާގޮތުގައި އެކުންފުނިން ކޮށްފައިނުވާތީކަމަށާއި، ޚާއްސަގޮތެއްގައި އައްޑޫ ސިޓީއާއި ފުވައްމުލަކާއި ދެމެދު ކުރަމުންދިޔަ ދަތުރުތައް މެދުކެނޑިފައިވާތާ އަހަރަކަށް ވުރެއް ގިނަދުވަސްވެފައިވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށަހަޅަމުން ދިއުމާއި ގުޅިގެން ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ދަތުރުފަތުރުގެ ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުންފުންޏަށް އެތަކެއް ފަހަރެއްގެ މަތިން ފުރުސަތުދީ، މުއްދަތުތަކެއް ދީފައިވާކަމަށާއި، ނަމަވެސް މިއަދާއި ހަމައަށްވެސް ދަތުރުފަތުރުގެ ކަންކަން ރަނގަޅުކުރުމަށް އެކުންފުނީގެ ފަރާތުން އެކަށީގެންވާވަރުގެ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ކަންކަން ކުރިއަށްވުރެ ފެންވަރު ރަނގަޅު ނިޒާމެއްގެ ދަށުން، އިތުރު ޔަޤީންކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިފްކޯއާއި ގުޅިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލަކާއި ދެމެދު ހުއްޓިފައިވާ ދަތުރުތައް އަލުން ފަށައި، އައްޑޫ ސިޓީގައި ބަހުގެ ޙިދުމަތްވެސް އަލުން ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީ.އީ.އޯ އަދްލީ އިސްމާޢިލް ވިދާޅުވީ، އެކުންފުނިން އައްޑޫ އަދި ފުވައްމުލަކަށް ދަތުރުފަތުރުގެ ޙިދުމަތް ދިނުމަށް ޝަޢުގުވެރިވީ، ހަމައެކަނި އެކަމުން ލިބިދާނެ މާލީ ފައިދާއަކަށް ވިސްނާފައި ނޫން ކަމަށާއި، ރައްޔިތުން ބަލައިގަންނަށް އިތުބާރު ހިފޭ ޙިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައިކަމަށެވެ. އަދި އެކުންފުންޏަށް އެތެރެވާ މަހުގެ ތިރީސް އިންސައްތައަކީވެސް އެ ސަރަހައްދުން އެތެރެވާ މަސްކަމަށްވެފައި، އެ ދެ އަތޮޅުގެ ދަތުރުފަތުރުގެ ނެޓްވޯކް ހަރުދަނާކުރެވިއްޖެނަމަ އިޖްތިމާޢީ ގޮތުންނާއި، އިޤްތިސާދީގޮތުންވެސް ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.ޢަދްލީ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އައްޑޫ އަދި ފުވައްމުލަކުގެ ދަނޑުވެރިން ހައްދާ ދަނޑުގޮވާމުގެތަކެތި މާލެ ގެނެވޭނެ އިންތިޒާމްތަކެއް އެ ކުންފުނިން ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ދަތުރުފަތުރުގެ ޙިދުމަތް ފޯރުކޮށްދިނުމަށް މިފްކޯއާއި ސަރުކާރުން ހަވާލުކޮށްފައިވާއިރު، އެކުންފުނިން މިހާރުވެސް ދަނީ ގއ. އަދި ގދ. ގެ ދަތުރުފަތުރުގެ ޙިދުމަތް ފޯރުކޮށްދެމުންނެވެ.