ޚަބަރު

ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން ރާއްޖެ 19 ރީޖަނަކަށް ތަރައްޤީކުރަނީ


ޕްރައިމަރީ ރީޖަންތަކާއި ސަބްރީޖަން އާއި ކްލަސްޓަރ ރީޖަން ހިމެނޭހެން 19 ރީޖަނަށް ރާއްޖެ ތަރައްޤީކުރުމަށް ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމަނާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މަޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމްވަނީ މިނިސްޓްރީއިން ކުރިއަށްގެންދާ މަސައްކަތްކަކާއި ގުޅޭގޮތުން ނޫސްވެރިންނާއި މަޢުލޫމާތު ޙީއްސަކުރައްވާފައެވެ.

އާ ސަރުކާރުން އާ މަޝްރޫޢުތައް ނުފަށަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ޕްލޭނިންގ މިނިސްޓްރީއަކީ މުޅިން އަލަށް ފެށި މިނިސްޓްރީއަކަށްވެފައި، މިނިސްޓްރީން އަދި ކުރިއަށްގެންދަނީ ތަސައްވުރުތައް ރާވައި، އެކަންކަން ކުރާނެ ގޮތްތައް ދިރާސާކޮށް ޕްލޭންތައް ހެދުމުގެ މަސައްކަތްކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރު މިނިސްޓްރީއިން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޤައުމީ ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ކަމަށެވެ. މި ޕްލޭނަކީ ކުރިއަށް އޮތް 4 އަހަރު ރާއްޖޭގައި ކުރުމަށް ނިންމާ ކަންކަން ހިމެނުމަށް ކަނޑައަޅާ ތަރައްޤީގެ ޕްލޭނެކެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރުވެސް މި ޕްލޭންގެ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށެވެ. ނަމަވެސް ޕްލޭން ނިމިގެންދާއިރު، މަސައްކަތް ކުރާނެ ގޮތާއި، އެކަމަށް ފައިނެންސް ކުރާނެ ގޮތާއި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމް ލައިންތައްވެސް ނިންމާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޕްލޭން ފައިނަލް ކުރުމަށްޓަކައި ކަމާއި ގުޅޭ އިދާރާތްތަކާއި، އަމިއްލަ ފަރާތްތައް ހިމެނޭހެން 8 މަޝްވަރާ ބައްދަލުވުން މިހާތަނަށް ބާއްވާފައިވާކަމަށެވެ. އަދި ޕްލޭން ހަދާއިރު ސަރުކާރުންގެ އެންމެ ބޮޑު އަމާޒަކީ މާލޭ އޭރިއާގެ ތޮއްޖެހުންތައް ކުޑަކޮށް، މަޝްރޫޢުތައް މުޅި ރާއްޖެއަށް ބަހާލައިގެން ކުރިއަށްގެންދިއުން ކަމަށާ، އެގޮތުން މި ޕެލޭން ނިމޭއިރު އެކި ލެވަލްގައި 19 ރީޖަނެއް ތަރައްޤީކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުން ރާއްޖެ ތަރައްޤީކުރާނީ 5 ޕްރައިމަރީ ރީޖަން، 9 ސަބް ރީޖަން އަދި 5 ކްލަސްޓަރ ރީޖަނަށް. މިއިން ކޮންމެ ރީޖަނެއްގައި މައި ރަށްތަކެއް ހުންނާނެ. ފަހުން ރަށްތައް އިޢުލާންކުރާނަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މި ޕްލޭންގެ ދަށުން ތަރައްގީގެ މައި ހަބުތައް ހަދާނެއެވެ. އަދި މި ހަބުތަކުން ޙިދުމަތްތައް ކައިރި ރަށްތަކާއި ގުޅާލާނެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މި ޕްލޭން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެކަމަށެވެ. އަދި މި ޕްލޭންގައި ހިމެނޭ ކަންކަން ރައްޔިތުންގެ މަޖިލިހާއި، ރައްޔިތުންނާވެސް ހިއްސާކޮށް އިތުރު ޙިޔާލު ހޯދާނެކަމަށެވެ.

"ސަރުކާރުން ބޭނުންވަނީ 5އަހަރު ނިމެންވާއިރަށް މާސްޓަރ ޕްލޭންގެ ފައުންޑޭޝަން މަސައްކަތްތައް އެއްކޮށް ނިންމާލަން. ސަރުކާރު ބަދަލުވި ނަމަވެސް މި ޕްލޭނަށް އެހެން ބަދަލެއް ނުގެންނަވަރަށް ނިންމަށް." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މާލެ ސަރަޙައްދަށް ރައްޔިތުން ތޮއްޖެއްސުމުގެ ވިސްނުން މި ސަރުކާރުން ނިމުމަކަށް ގެންނާނެކަމަށެވެ. އެގޮތުން އެމީހަކު އުޅޭ ރަށަކާއި ކައިރިން ޚިދުމަތްތައް ލިބޭނެގޮތް ހައްދަވާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ.