ވިޔަފާރި

މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރު ތަފާތުވާނެ


މިއަހަރު ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ ވަރަށް ތަފާތުވާނޭކަމަށް، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ބޯޓިންގ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބޯޓިން އެސޯސިއޭޝަނުން ބުނީ މިއަހަރު އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި ފެނިގެންދާނީ ކުރިން ދަރުބާރުގޭގައި ޑިސްޕްލޭކުރި މެރިން ދާއިރާގެ އުޅަނދުތައް މިފަހަރު މޫދުގައި ޑިސްޕްލޭ ކުރެވިގެން ދިއުންކަމަށެވެ.

ދަރުބާރުގޭގައި ޑިސްޕްލޭ ކުރިއިރު ބައެއް އުޅަނދުތައް އެހެލައިގެން ގެންނަން އުނދަގޫވުމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރިކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. ނަމަވެސް މިފަހަރު މޫދުގައި ޑިސްޕްލޭ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމުން ރާއްޖެއިން ބޭރުގެ ގިނަ އުޅަނދުތަކެއްވެސް ޑިސްޕްލޭ ކުރާނެކަމަށާއި، އަދި މި އުޅަނދުތަކަށް އަރައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް އާންމުންނަށް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ދަރުބާރުގޭގައި އޮންނަ އެކްސްޕޯގައި މެރިން ދާއިރާގެ އެކި ޙިދުމަތްތައްދޭ ފަރާތްތައް ބައިވެރިވާނެއެވެ. މިއަހަރުގެ މެރިން އެކްސްޕޯ ސެޕްޓެމްބަރ މަހުގެ 18 އިން 20 އަށް ކުރިއަށްދާއިރު އެކްސްޕޯގެ ތެރެއިން "މެރިން ޓޯކްސް" އާއި "މެރިން ވޯކްސް" އެއް ކުރިއަށްދާނެއެވެ. މެރިން ޓޯކްސްގައި ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދައްކާނެއެވެ. އަދި މެރިން ވޯކްސްގައި މެރިން ދާއިރާގެ މީހުން ބޭނުންކުރާ އެކި ހެދުންތައް ދައްކާލާނެއެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ 1 ދުވަސް ސްކޫލް ކުދިންނަށް ޙާއްސަކުރާނެކަމަށް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ. މިއަހަރުގެ އެކްސްޕޯ ސަރުކާރުގެ ގިނަ މިނިސްޓްރީތަކަކުން ވަނީ އެންޑޯޒްވެސްކޮށްފައެވެ. އޭގެތެރޭގައި ޓްރާސްޕޯޓް މިނިސްޓްރީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، ޓޫރިޒަމް މިނިސްޓްރީ، އަދި އިކޮނޮމިކް މިނިސްޓްރީ ހިމެނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ މިފަހަރު ޚާއްސަކޮށްފައިވަނީ "މެރިން ޓެކްނޮލޮޖީ" މި ތީމަށެވެ. މި ތީމްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ބޯޓިންގ އަދި މެރިން އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ދިރާސާ ކުރެވިގެންދާނެކަމަށް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ.