ކޮމޮރޯސް އަތުން ބަލިވީ ގޭމްސްއަށް ޓީމް ރަނގަޅަށް ތައްޔާރު ނުކުރެވޭތީކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނެފި އެވެ.
ޤައުމީ ފުޓްބޯޅަ ޓީމް އިއްޔެ ދެވަނަ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ބަލިވީ 0-3 އިންނެވެ. މި ބައްޔާއިއެކު ދިވެހި ޓީމަށް މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރުވަނީ ގެއްލިފައެވެ.
މެޗަށްފަހު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނީ އެހެން ޓީމުތަކުން މި ގޭމްސްއަށް ވަރަށް ރަނގަޅަށް ތައްޔާރުވިކަމަށާއި، ދިވެހި ޓީމަށް ތައްޔާރުވާން ލިބުނީ އެންމެ ހަތަރު ދުވަސްކަމަށެވެ. އޭނާ ބުނީ ބޮޑު ގޭމްސްއެއްގައި ރަނގަޅު ނަތީޖާއެއް ހޯދަން އެއީ އެކަށީގެންވާ ވަރެއް ނޫންކަން އޭނާ ނުބުންޏަސް އެންމެންނަށްވެސް އިނގޭނެކަމަށެވެ.
ސެގާޓް ބުނީ މި ގޭމްސްއަކީ ޓީމްގައި ތިބި އާ ކުޅުންތެރިންނަށް ލިބޭނެ ބޮޑު ތަޖުރިބާއެއްކަމަށާއި، އަންނަ އަހަރުގެ ގޭމްސްއަށް އަންނައިރު މި ގޭމްސްއިން ގިނަ ފައިދާތަކެއް ދިވެހި ޓީމަށް ކުރާނެކަމަށެވެ. ސެގާޓް ބުނީ މުޅިން ތަފާތު ސްޓައިލެއްގެ ކުޅުންތެރިންނާއިއެކު ކުޅެ މި ޒުވާން ކުޅުންތެރިންގެ އައު ކަންތައްތައް ދަސްވުމަކީ ކުރިއަށް ހުރި މުބާރާތްތަކަށް ޓީމް ދާއިރު ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.