ކުޅިވަރު

ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރަށް ވުމުން މިއީ ޗެލެންޖެއް: ލެޓްވިއާ


ފަނަރަ އަހަރުން ދަށުގެ ޔޫއެފާ އެސިސްޓް ބައިނަލްއަޤުވާމީ މުބާރާތަކީ، ލެޓްވިއާގެ މި އުމުރުފުރާގެ ޓީމު، ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ މުބާރާތްކަމަށް އެ ޓީމުން ބުނެފި އެވެ.

މިއަދު ހަވީރު ސައުދީ އަރަބިޔާއާ ދެކޮޅަށް ލެޓްވިއާ ނިކުންނައިރު، ލެޓްވިއާ ޓީމުގެ ހެޑް ކޯޗު އެލެކްސެންޑަރސް ބާސޯވްސް ބުނީ، މޫސުން ކޮންމެ ގޮތަކަށް އޮތަސް، އެ ޓީމަށް މައްސަލައެއް ކުރިމަތިވާނެކަމަށް ނުދެކޭކަމަށެވެ.
އަދި މިއީ ލެޓްވިއާގެ ފުޓްބޯޅަ ހަޔާތުގައިވެސް މި ޢުމުރުފުރާގެ ޓީމެއް ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރުކަމަށް ކޯޗު ބުންޏެވެ.

ބާސޯވްސް ބުނި ގޮތުގައި އޭނާގެ ޓީމު، މި ސަރަހައްދުގެ ފުޓްބޯޅަ އެއްވެސް ގޮތަކަށް ތަޖުރިބާކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން ކުޅުމުގެ ސްޓައިލާއި ކަންކަން މެޗުތައް ކުރިއަށްދާ ވަރަކަށް އެނގޭނެކަމަށް އޭނާ ބުންޏެވެ. ބާސޯވްސް ބުނީ، މި ސަރަހައްދުގެ ޓީމަކާއެކު ލެޓްވިއާ ކުޅުނީ އެންމެ ފަހަރަކު ކަމަށާއި، އެއީ ރަޝިއާގައި ބޭއްވި މުބާރާތެއްގައި އިންޑިއާއާ ދެކޮޅަށް ކަމަށެވެ. ރަޝިއާގައި ބޭއްވި މި މުބާރާތުގައި ލެޓްވިއާއިން 4-1 އިން އިންޑިއާ ބަލިކުރިކަން ބާސޯވްސް ފާހަގަކުރި އެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ މުބާރާތެއްގައި ޔޫރަޕުގެ ޤައުމީ ޓީމެއް ކުޅޭ މިއީ ފުރަތަމަ ފަހަރެއެވެ. އެހެންކަމުން މިއަދު ކުޅޭ މެޗު ތާރީޚީ މެޗަކަށް ވެގެންދާނެ އެވެ.