ކުޅިވަރު

ކުޅުން ގޯހެއް ނޫން، އުއްމީދުކުރީ މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް - ކޯޗު ކޮރޭ


ރިޔޫނިއަންގެ ދިގު ކުޅުންތެރިންނާއި ދެކޮޅަށް ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ދެއްކި ކުޅުން ގޯސް ނޫންކަމަށާއި، އުއްމީދުކުރީ މިއަށްވުރެ ރަނގަޅު ނަތީޖާއަކަށްކަމަށް ޤައުމީ ބާސްކެޓްބޯޅަ ޓީމްގެ ކޯޗު ކޮރޭ އެލެކްޒެންޑަރ ބެލްސާ ބުނެފިއެވެ.

10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރިޔޫނިއަން އަތުން ބަލިވީ 42 ޕޮއިންޓް 106 ޕޮއިންޓުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރއިން ފަށައިގެން ރިޔޫނިއަން ބޮޑު ލީޑެއް ނަގައި މެޗު ކާމިޔާބުކުރީ 64 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ.

މެޗަށްފަހު ޤައުމީ ބާސްކެޓްބޯޅަ ޓީމްގެ ކޯޗު ކޮރޭ އެލެގްޒެންޑަރ ބެލްސާ ބުނީ ފުރަތަމަވެސް ކުޅެން ޖެހުނީ އެންމެ ވަރުގަދަ ޓީމާއި ދެކޮޅަށްކަމަށާއި، ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށެވެ. އޭނާ ބުނީ މިހާ ބޮޑު ނަތީޖާއަކުން ބަލިވި މައިގަނޑު ސަބަބަކީ ރިޔޫނިއަންގެ ދިގު ކުޅުންތެރިން ކައިރިން ބޭނުންވި ގޮތަަށް ޓީމަށް ނުކުޅެވުނުކަމަށެވެ.


އޭނާ ބުނީ މެޗުގައި ޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް ނަތީޖާއާއިމެދު ހިތްހަމަނުޖެހޭކަމަށެވެ. ގިނަ ސްކޯތަކެއް ކުރަން ލިބި ސްކޯރިންގ ދަށްވުމަކީ ކުރިއަށް އޮތް މެޗަށް ޓީމް ނެރޭއިރު ވިސްނާނެކަމެއްކަމަށް އޭނާ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ދިވެހި ޓީމް ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ މަޑަގަސްކަރއާއި ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ސީޝެލްސްއާއި ދެކޮޅަށް ނިކުންނާނީ އަންނަ ބުދަދުވަހުގެ މެންދުރު 13:30ގައެވެ.