ސިޔާސީ

މަޝްވަރާކުރުމަށް ދެއްވި ދައުވަތު އަދާލަތު ޕާޓީން ޤަބޫލުކޮށްފި


އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރާއިއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުން ކަނޑައަޅައިފިއެވެ.އެގޮތުން ސަރުކާރާއެކު މަޝްވަރާކުރުމަށް އެޕާޓީގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބުންނަކީ، މިވަގުތު ފުލުހުންގެ ބަންދުގައި ހުރި އެ ޕާޓީގެ ރައީސް، އިމްރާން އަބްދުﷲއާއި، އެ ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފު ހުސެއިންއާއި، ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދާއި، އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޢައްޝައިޙް މުހައްމަދު ދީދީގެ އިތުރުން އެޕާޓީގެ ދިރާސާ ކުރުމާބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފްއެވެ.އަދާލަތު ޕާޓީގެ ފަރާތުން މިކަން ހާމަކޮށް، ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިޔާސީގޮތުން ޤައުމުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި ސަރުކާރާއި، އަދި ވާދަވެރި އެހެން ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާކުރުމަށް އެޕާޓީން މަރުހަބާކިޔާކަމަށެވެ. އަދި ޤައުމުގައި މިވަގުތު އުފެދިފައިވާ މައްސަލަތައް ހައްލުކުރެވޭނީ ޢަދާލަތު ޕާޓީއާއި، އެމް.ޑީ.ޕީ އާއި ޖުމްހޫރީ ޕާޓީއާއިއެކު ސަރުކާރުން އެއް މޭޒެއްގެ ދޮށުގައި ތިބެގެން މަޝްވަރާކޮށްގެންކަމަށްވެސް އަދާލަތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.އިދިކޮޅު ފަރާތްތަކާއިއެކު މަޝްވަރާކުރައްވާނެ ދާއިރާތަކާއި، އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ބޭފުޅުން ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރާއިއެކު މަޝްވަރާކުރައްވަން މަންދޫބުން ކަނޑައަޅާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުންވެސް މިހާރުވަނީ އެކަމަށް ޝަޢުގުވެރިވާކަން ފާޅުކޮށް، ސަރުކާރާއިއެކު މަޝްވަރާގައި ބައިވެރިވާ ފަރާތްތައް ކަނޑައަޅާފައެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމް.ޑީ.ޕީން ބުނެފައިވަނީ މި މަޝްވަރާތަކުގައި ބައިވެރިވުމާއިމެދު މާދަމާގެ ވަގުތެއްގައި ސަރުކާރަށް ރަސްމީ ޖަވާބެއް އަރުވާނެކަމަށެވެ.