ކުޅިވަރު

ވޭތުވެދިޔަ 8 އަހަރުގެ ތެރޭގައި މޮރީޝަސް ބަލިކުރެވުނު ފުރަތަމަ ޓީމަކަށް ރާއްޖެ


2011ވަނަ އަހަރުގެ ފަހުން މޮރީޝަސް ބަލިކުރެވުނު ފުރަތަމަ ޓީމަކަށް ރާއްޖެ ވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމުގައި ރާއްޖޭގެ ބެޑްމިންޓަން ޓީމުގެ މެނޭޖަރު އިފްޝާން މުޙައްމަދު ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އަންހެން ކެޓަގަރީގެ ޓީމް އިވެންޓުން އެންމެ ފަހު ދެއަހަރުވެސް ގޯލްޑް މެޑަލް ހޯދި މޮރީޝަސް ޓީމުގެ މައްޗަށް ރާއްޖޭގެ އަންހެނުންގެ ބެޑްމިންޓަން ޓީމުން ކުރިހޯދީ ތިނެއް ދޭކުންނެވެ.

މޮރީޝަސްގެ މައްޗަށް ކުރިހޯދި މެޗަށްފަހު އިފްޝާން މުހައްމަދު (އިއްޕަ) ބުނީ މުބާރާތަށް އައިއިރު ހާސިލް ކުރަން ބޭނުންވި ޓާގެޓުތަކުގެ ތެރެއިން އެއް ޓާގެޓް ހާސިލްކުރެވިއްޖެކަމަށެވެ. އެއީ މޮރީޝަސްގެ މައްޗަށް ކުރިހޯދުމެވެ. އެހެންނަމަވެސް ރިޔޫނިއަން އަތުން ބަލިވުމަކީ ދެވަނަ ޓާގެޓް ހާސިލް ކުރުމަށް އެޅުނު ހުރަހެއް ކަމަށާ، އެމެޗަކީ ބަލިވާން ޖެހޭވަރުގެ މެޗެއް ނޫންކަމަށްވެސް އިއްޕަ ބުންޏެވެ.

ރާއްޖޭގެ އަންހެންނުންގެ ޤައުމީ ބެޑްމިންޓަން ޓީމަށް މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދުމުގެ ދޮރު މިހާރު ވަނީ ބަންދުވެފައެވެ. އެހެންނަމަވެސް ރިހި ނުވަތަ ބްރޯންޒް މެޑަލް ހޯދުމުގެ ފުރުސަތު ބޮޑެވެ.

ބެޑްމިންޓަން ޓީމުގެ މެނޭޖަރު ބުނީ، ޓީމް އިވެންޓުން ކުޅުންތެރިން ދެއްކި ވަކިވަކި ޕާފޯމަންސްތަކަށް ބަލާއިރު އޯޕަން ބައިން ރާއްޖެއަށް އިތުރު މެޑަލްތަކެއް ހޯދުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރެވިއްޖެކަމަށެވެ.

މިގޮތުން 2015ވަނަ އަހަރުގެ މުބާރާތުގައި ފިރިހެން ސިންގަލްސްގެ ގޯލްޑް މެޑަލް ހޯދި މޮރީޝަސްގެ ކުޅުންތެރިއާ ވަނީ ރާއްޖޭގެ އަޖްފާން އަތުން ބަލިވެފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ބައިގައި މިއަދުވެސް ރާއްޖޭގެ ޓީމް އިވެންޓުގެ މެޗުތަކެއް ކުޅެވޭނެއެވެ. މިގޮތުން މިއަދު ފިރިހެން ޓީމް އިވެންޓްގެ ހުރިހާ މެޗެއް ނިމޭނެއެވެ. އަދި އަންހެން ޓީމް އިވެންޓް އެއްމެޗު މިއަދު ކުޅެވޭއިރު ރާއްޖެއަށް ޓީމް އިވެންޓް ނިންމާލެވޭނީ ކިހާ ހިސާބަކުންތޯ ޔަގީން ކުރެވޭނެއެވެ.