މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން ޓީމް އިވެންޓުގައި މިއަދު ކުޅުނު ދެވަނަ މެޗު ދިވެހި އަންހެނުންގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މޮރީޝަސްއާ ބައްދަލުކުރި މިމެޗު ދިވެހިޓީމުން ކާމިޔާބުކުރީ 3-2 އިންނެވެ. ޓީމް އިވެންޓް ކުރިއަށް ދަނީ ސިންގަލްސް ތިން މެޗާއި ޑަބަލްސް ދެމެޗުކުޅޭ ގޮތަށެވެ. މިގޮތުން ދިވެހި އަންހެން ޓީމްވަނީ މިމެޗުގައި ކުޅުނު ސިންގަލްސް ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށްފައެވެ.
އެއީ އެންމެ ފުރަތަމަ ކުޅުނު ދެމެޗެވެ. މިގޮތުން ފުރަތަމަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބާހާއެވެ. މިމެޗު ނަބާހާ ކާމިޔާބުކުރީ މޮރީޝަސްގެ ފުރަތަމަ ކުޅުންތެރިއާ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެއީ 21-18، 21-17ނެވެ.
ދެވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނީލާއެވެ. މިމެޗުގެ ފުރަތަމަ ސެޓު ނީލާ އަތުން ގެއްލުނީ 18-21އިންނެވެ. ފުރަތަމަ ސެޓު އަތުން ގެއްލުނު ނަމަވެސް ނީލާ ވަނީ ޖެހިގެން އައި ދެ ސެޓު ނަގާ މެޗު ކާމިޔާބުކޮށްފައެވެ. އެއީ 21-14 އަދި 21-15 އިންނެވެ.
މޮރީޝަސް އާއި ބައްދަލުކުރި ސިންގަލްސް ތިންވަނަ މެޗުގައި ދިވެހި ޓީމުން ކުޅެން ނިކުތީ ނަބީހާއެވެ. މިމެޗު ނަބީހާ އަތުން ގެއްލުނީ ފުރަތަމަ ސެޓު ނަގާފައި ވަނިކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ 21-16، 14-21، 17-21 އިންނެވެ.
ޑަބަލްސްގައި ރާއްޖެ ކުޅުނު ދެމެޗުގެތެރެއިން އެއްމެޗު ކާމިޔާބުކުރިއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ. ރާއްޖެ މޮޅުވީ ޑަބަލްސްގެ ދެވަނަ ޕެއަރގައި ކުޅުނު މެޗުންނެވެ. މިމެޗުގައި ރާއްޖެ ޓީމުން ކުޅެން ނިކުތީ ނަބާހާއާއި މައިސާއެވެ. މި ދެ ކުޅުންތެރިން ވަނީ މޮރީޝަސްގެ ދެވަނަ ޕެއަރ ފަސޭހަ ކަމާއެކު ބަލިކޮށްފައެވެ. އެއީ 21-17، 21-15 އިންނެވެ.
ނަބީހާއާއި ނީލާގެ ޕެއަރ ނުކުތީ މޮރީޝަސްގެ އެއްވަނަ ޕެއަރއާ ދެކޮޅަށެވެ. މިމެޗުން ރާއްޖެ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 17-21 ކާމިޔާބުކުރީ މޮރީޝަސްގެ ޕެއަރއެވެ. އެހެންނަމަވެސް ދެވަނަސެޓު 21-17 ހޯދީ ނަބީހާއާއި ނީލާގެ ޕެއަރއެވެ. އަދި ތިންވަނަ ސެޓު 10-21 ކާމިޔާބުކޮށް މެޗު ގެންދިޔައީ މޮރީޝަސްގެ ޕެއަރއެވެ. ބެޑްމިންޓަން އަންހެން ޓީމްވަނީ މިއަދު މެންދުރު ކުރިން ކުޅުނު މެޗުގައި ރިޔޫނިއަން އަތުން 4 - 1 އިން ބަލިވެފައެވެ.