ވިޔަފާރި

މާކެޓް ނުލިބެނީތަ؟ ނުވަތަ ތަކެތި ނުއުފެއްދެނީތަ؟


ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި، އެމީހުންގެ އުފެއްދުންތަކަށް މާކެޓް ނުލިބުމަކީ އަބަދުވެސް ދަނޑުވެރިންގެ ޝަކުވާއެކެވެ. މިކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދާއިމީގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ސަޕްލައި ނުކޮށްދެވުންކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ދަނޑުވެރިކަން ކުރަމުން އަންނައިރު މިއަދާއި ހަމައަށްވެސް ރާއްޖެއަށް ބޭނުންވާ ވަރާއި ގާތަށްވެސް ތަކެތި ނުއުފެއްދެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހެއްދެނީ ރާއްޖެއަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ އެންމެ 3 އިންސައްތައެވެ. އަނެއް 97 އިންސައްތައަކީ ރާއްޖެއިން ބޭރުން އިންޕޯޓްކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. ރާއްޖެއަށް ބޭނުންވާ ވަރަށް މިތަކެތި ނުއުފެއްދޭއިރު ރާއްޖެއިން ބޭރުން މާކެޓް ހޯދުމަކީ ބޭނުންތެރިކަމެއްކަމަކަށް ނުފެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ޓްރެއިނިންގ އެކްސްޓެންޝަން އެޑަބްޓެޑް ރިޝަރޗް ސެކްޝަންގެ ޑިރެކްޓަރ އަލީ އާމިރު ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ބޭނުންވާވަރަށް އުފެއްދެނީ ވަރަށް މަދު ބާވަތެއްކަމަށެވެ. އޭގެތެރޭގައި ފަޅޯ އަދި ބަރަބޯ ހިމެނެއެވެ.

ދަނޑުވެރިން އުފައްދާ ތަކެއްޗަށް މާކެޓް ހޯދައިދިނުމަށް އެ މިނިސްޓްރީން ދަނޑުވެރިންނާއި ރިސޯޓްތަކާއި ގުޅުވައިދޭން މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމުގައި ދިމާވާ މައްސަލައަކީ ދާއިމީގޮތަކަށް ސަޕްލައި ނުކޮށްދެވުންކަން އާމިރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދަނޑުވެރިންނަށް ރިސޯޓްތަކާއި ގުޅުވައިދެވޭތޯ. ގިނަފަހަރަށް މިދިމާވާ އެއް މައްސަލައަކީ ވަކި ހިސާބަކަށް ރަނގަޅަށް ސަޕްލައިކޮށްދެވުމަށްފަހު މެދުކެނޑުން. އެހެންކަމުން ކޮންސިސްޓަންސީގެ މައްސަލަތަކެއް އެބައުޅޭ." އަލީ އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، ރޭވުންތެރިކަމާއިއެކު ކަންތައްތައް ކުރާނަމަ މިފަދަ ގޮންޖެހުންތައް ހައްލުކުރެވޭނެކަމަށެވެ. މިނިސްޓްރީން ކުރިއަށްގެންދާ ޓްރެއިނިންތަކުގައިވެސް މިކަން ހައްލުކުރުމަށް ކުރެވޭނެ ކަންކަން ކިޔައިދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓްރެއިނިންގ ތަކުގައިވެސް އަޅުގަނޑުމެން ހިމަނާފައި އިންނަ އެއް ކޮންޕޯނެންޓެއް އެއީ ރޭވުންތެރިކަމާއި އެކީގައި ހިސާބުތައް ބަލަހައްޓަމުން މާކެޓަށް ނެރެވޭނެ މުއްދަތުތަކާއި ހުރިހާ އެއްޗެއް ކުރިންބައިގައި ހިސާބު ހަދާލާފައި ބެލުން. މޫސުމީ ބަދަލުތައް ކަންނޭންގެ އެންމެ ބޮޑު ބަދަލުތަކުގެ ގޮތުގައި އުޅެނީ ދަނޑުވެރިކަމުގެ މަސައްކަތުގައި. އެބަދަލުތައްވެސް ކޮންމެވެސްވަރަކަށް ދުރާލާ އެބަ އަންދާޒާކޮށްލެވޭ." އަލީ އާމިރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ދަނޑުވެރިކަން ކުރަންވީ ރަނގަޅުގޮތް ބުނެދިނުމަށް މިއަހަރުގެ މިހާތަނަށް 9 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގުރާމްތައްވެސް ވަނީ ހިންގާފައެވެ.