މުނިފޫހިފިލުވުން

ވާހަކަ: ދެވަނަ ހިޔަނި


ޖުލައި 17 ބުދަ ދުވަހާއި ގުޅޭ

ބަޠޫލް އެންމެ ކުޑައިރުއްސުރެން އޭނަޔާއެކު ކުޅެން އުޅުނު ކަމަށާއި ފާއިތުވީ 16 އަހަރުގެ ތެރޭގައި ވެސް ބަޠޫލް އާއި އެކު އުޅުނުކަމަށް ބުނެދިނެވެ. އަދި އެގޭ ގޯތި ތެރޭގަ ހުރި ބަޠުލް އަށް އެންމެރީތި އެންމެލޯބިވާ ހުދުކުލައިގެ ފިނިފެންމާގަހަކީ ކައިލްގެ ގެކަމަށް ބުންޏެވެ. އެގަސް ކޮށާލި ދުވަހު ބަޠޫލް ރުއިތަން ފެނުމުން ވަރަށް އަސަރު ކުރިކަމަށާއި އެމީހުންގެ ދުނިޔޭގައި ހުދު ފިނިފެންމަލުގެ ބަގީޗާއެއް ހައްދާފަވަނީ ވެސް ބަޠޫލްގެ ހިތްއުފާ ކޮށްދިނުމަށެވެ. އަދި ބަޠޫލް އިންޑިޔާގައި އުޅެނިކޮށް ލޯބީގެ ހަދިޔާއެއް ގެ ގޮތުގައި ގެނެސްދެނީވެސް އެމާތައް ކަމަށް ވެސް ކައިލް ބުނެދިނެވެ.

ކައިލް ގެ ލޯބީ ގެ މަތިވެރިކަން އެގުމުން ބަޠޫލް އަށް ރޮއިގަނެވުނެވެ. އަހަރެން ފަލާޙަކާ ނީންނާނަން.......... މަޖޫބޫރު ކޮށްފިއްޔާ ފެންނާނީ އަހަރެން ގެ ފުރާނަނެތް މަސްގަނޑު........ކައިލް އާ ވަކިންނެއް ނޫޅެވޭނެ. ގިސްލުމުގެ ތެރޭން ބަޠޫލްގެ އަޑު އައިނަމަވެސް އެއަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. ނޫން. ނޫން ކައިލް އަށް ތެޅިގަނެވުނެވެ. ނޫން ދޫނި .......އަހަރެންގެ ފުރާނަ ތީ........ އަހަންނަށްޓަކާވެސް ދިރިހުރޭ.......ބަޠޫލް ނެތްދުނިޔެއެއްގައި ކިހިނެތް އަހަރެން އުޅޭނީ...... ހުރިހާކަމަކީވެސް ތަގްދީރު....... ތަފާތު ދެ ނަސްލަކުން އައިސްފަވާ ދެމީހުން އަހަރެމެން ދެމީހުންނަކީ..............ޢުމުރު ދުވަހު ހުސްހަށިބައިކޮށް ތިއްބަސް އަހަރެމެން ދެމީހުންނަށް ގުޅެވޭނީކި އެއްނޫން............އަހަރެން ބޭނުން ބަޠޫލް އުފަލުގައި އުޅޭތަން ދެކެން......... އަބަދުވެސް އަހަރެން ހުންނާނަން ބަޠޫލްގެ އެންމެ ކައިރީގައި.........ކޮންމެ ނުރައްކަލަކުން ބަޠޫލް ދިފާޢުކޮށްދޭނަން..........ޕްލީޒް ބަޠޫލް ......ދެން އެކަހަލަ ވާހަކައެއް ނުބުނާތި..........އަހަރެމެން ގެ ލޯތްބަށްޓަކާވެސް ދިރިހުރޭ.......ބަޠޫލް ގިސްލަމުން ދިޔައެވެ. ގިސްލެވެމުން ގިސްލެވެމުން ގޮސް ހަށިގަޑުން ވަރުދޫވަންދެން ގިސްލަމުން ދިޔައެވެ.

ބަޠޫލް އަށް ހޭލެވުނީ އޭނާގެ މަންމަ ގެ އަޑަށެވެ. ރަގަޅަށް ލޯހުޅުވާލުމާއި އެކު ވަށައިގެން ހޯދަންފެށިއެވެ. ކައިލް ފެނޭތޯއެވެ. ނަމަވެސް އޮވެވުނީ ކޮޓަރީގެ އެނދުގައި ކަން އެނގުމުން ވަރަށް ދެރަވިއެވެ. އޭރުވެސް ދެލޮލުން ހޯސްލާފަ ކަރުނަތައް ފައިބަމުންދިޔައެވެ. ކައިލް ....ކައިލް....... ކޮންތާކު ތިއުޅެނީ.......އަހަރެން ދޫކޮށްލާފަ ނުދޭ..........ބަޠޫލް ކަރުނައިގެ ތެރޭން މޮޔައަކު ފަދައިން ވާހަކަ ދައްކަމުން ދިޔައެވެ. ހުވަފެނުގެ ހާދިސާ ތާޒާކޮށް ބަޠޫލް ހަދާން ހުއްޓެވެ. ދެންމެވީކަމެއް ފަދައިންނެވެ. މަންމާ ކީއްވެގެންތަ އަހަރެން ކައިވެނި ކުރުވަން ތިއުޅެނީ............ ބޭނުމެއްނޫން ފަލާޙާ އިންނާކަށް..........އަހަރެން އިންނާނީ ކައިލްއާ.......... އެދުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ހުދު ފިނިފެންމަލު ގެ ފިޔަތައް ބަޠޫލް އެއްކުރަމުން ދިޔައެވެ. އަދި ދީވާނާ ވެފަވާ މީހެއް ފަދައިން އެފިޔަތަކުގައި ބޮސްދެމުން ދިޔައެވެ...

ބަޠޫލްގެ ޙާލުފެނުމުން އޭނަގެ މަންމަ އަށް ހަދާނެގޮތް ހުސްވިއެވެ. އަވަސްއަވަހަށް ކޮޓަރިން ބޭރަށް ދުއްވައިގަނެވުނެވެ. ބަތޫލްގެ ބައްޕައަށް އެޚަބަރު ދިނުމަށެވެ. ސަލީމް...ސަލީމް .....އަހަރެމެން ގެ ދަރިފުޅެއްވާނެތް....އެމްބިއުލާންސަށް ގުޅާ........ ބަޠޫލް ގެ ބައްޕަވެސް ކޮޓަރީގެ ދޮރާ ހަމައިން ހުއްޓުން އެރިއެވެ. ބަޠޫލް ރޮއިރޮއިފައި ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ. ނަމަވެސް އެތާކުން ދެވަނަ މީހަކު ނުފެނެއެވެ. އަވަސް އަވަހަށް ގޮސް ބަޠޫލްގެ މޫނުގައި އަތްޖައްސާލި އިރު ހުންއައިސް ގެން ބަޠޫލް ތުރުތުރު އަޅަނީއެވެ. އެކަމަކުވެސް އަގަހުއްޓާނުލަ އެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމުން ހުންވިހެލައިފިއެވެ.

ޑޮކްޓަރގެ ފަރުވާއަށްފަހު ބަޠޫލް ހަމަޔަކަށް އެޅުނު ނަމަވެސް ލޯ ހުޅުވާކަށް ބޭނުމެއް ނުވެއެވެ. މުޅި ދުނިޔެ ދެކެވެސް ފޫހިވެފައިވާ ކަހަލައެވެ. ފަލާޙް ބައްދަލު ކުރަން ބޭނުންވެ އެދިގެން އެކަމަށް ބަޠޫލް ކުރީ އިންކާރެވެ. ގޮނޑި ބަރީގައި އިނށީދެ ލައިގެން އިންއިރު ފަލާޙްގެ ދެލޮލުގައި ކަރުނަތައް ގިނަވެފައި ވެއެވެ. އެސްފިޔަޖަހާލާ ކޮންމެ ފަހަރަކު އެކަރުނަތައް އޭގެ މަގާމުގައި ކެތްނުވެގެން އޮހިގެންފާނެ ކަހަލައެވެ. ޖެހިގެން އިން ގޮނޑީގައި އިން ބަޠޫލް ގެ ބަޠޫލް ގެ ބައްޕަ ވެސް ހަމައެފަދައެވެ. މަންމަގެ ހާލު އަދި މާބޮޑުހެން ހީވެއެވެ. އޭނާ އެންމެ ހިނދު ކޮޅަކަށްވެސް ތަނެއްގައި ފޫޖައްސައެއް ނުލައެވެ. މަންމަގެ ކަމަކީ ދެކޮޅަށް ހިނގުމެވެ. ބަޠޫލް އަށް ވީ ގޮތް ބުނެދިން ވަގުތު ފަލާޙް ހަމައިން ނެއްޓިގެން ފާރުގައި ގޮށް މުށުން ޖެހިލެއް ބާރުކަމުން ހިސާބުގަނޑުގައި ތިބި އެންމެންގެ ސަމާލުކަން އެމީހުނަށް ހުއްޓުނެވެ.


މެންދުރު 12 ޖަހަން އުޅެނިކޮށް ފަލާހް ބަޠޫލް އޮތް ކޮޓަރި ތެރެއަށް ވަންއިރުވެސް ބަޠޫލް ލޮލެއް ނުހުޅުވައެވެ. ބަޠޫލް އަހަންނަށް އިނގޭ ބަޠޫލް ތިއޮތީ ނިދާފައި ނޫން ބަޠޫލް އަށް އަހަރެންގެ ވާހަކަ އަޑު އިވޭނެ." ފަލާޙް ގޮނޑި ކައިރިކޮށްލާފައި ލަސް ލަހުން ވާހަކަދައްކަން ފެށިއެވެ. ބަޠޫލްގެ ފަރާތުން ހޭލާ އޮތް ކަމުގެ އިޝާރާތެއް ނުފެނެއެވެ. އެކަމަކު އޭނާއަށް ފަލާޙްގެ ވާހަކަތައް އެންމެ ސާފުކޮށް އިވެމުން ދިޔައެވެ. "ބަތޫލް އައިމް ސޯ ސޮރީ. ވަރަށް ދެރަވޭ ބަޠޫލް އަށް ތިހެން ދިމާވީމަ. އެކަމަކު ތިގޮތަށް އެހެންމީހުންނާއި ވާހަކަ ނުދައްކާ އޮންނާކަށް ނުވާނެ ،ލިބޭނީ އިތުރު ދެރައެއް. މާބޮޑަށް ޓެންޝަނަށް ގޮސްގެން ހައްލުނުކުރެވޭ މައްސަލައެއް ދިމާވެއްޖެއްޔާ އަހަންނާ ޙިއްޞާ ކުރަންވީ އެއްނު. ބަޠޫލް އަހަރެމެން އެންމެން މިތިބީ ބަޠޫލް އާއި އެކު. އަހަރެންގެ މަންމަމެން ވެސް އެބަތިބި ބޭރުގައި. ހެޔޮނުވާނެ ބަޠޫލް ލޯ ހުޅުވާފަ ވާހަކަ ދައްކަބަލަ. ޝެއަރ ކުރީމައޭ ފަސޭހަވާނީ." ކައިވެންޏާ ދޭތެރޭ މާބޮޑަށް ވިސްނަނީތާ.؟ ފަލާޙް ވާހަކަދައްކަމުން ދަނިކޮށް ބަޠޫލް ކުއްލިއަކަށް ފަލާޙް ގެ އަތުގައި ހިފަހައްޓާލުމުން ފަލާޙް ސިހިފައި ވާހަކަ މެދުކަނޑާލިއެވެ.

ފަލާޙް އަހަރެން ތި އެއްވެސް ކަމަކާއި ނުވިސްނަން. އަހަރެންގެ ހަމައެކަނި މައްސަލައަކީ މަންމަމެން އަހަންނަށް އަންގާވެސް ނުލިކަން. އަދި ފަލާޙް ވެސް .... ބަޠޫލް ލޯ ހުޅުވައިލައިފައި ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް އަނގަމަތީ އަތްއަޅާފައި ރޮއިގަތެވެ. ފަލާޙްގެ ހިތަށް އެއް ފަހަރާ އެތައް ގޮތެއްވިއެވެ. ބަޠޫލްގެ ހާލާއިމެދު ހިތްދަތިވި ވަރަށް ރުޅިވެސް އައެވެ. އެކަމަކު ކިތަންމެ ބޭނުންވިއަސް ބަޠޫލްއާއި އާއި ދެކޮޅަށް އެވަގުތު އެއްޗެއް ބުނާކަށް ފަލާޙް ބޭނުމެއް ނުވިއެވެ. ސަބަބަކީ ބަޠޫލް އާ އިނުމަކީ އޭނަވެސް އެހާ ބޭނުން ވެގެން އުޅޭކަމަކަށް ނުވާތީއެވެ. މައިން ބަފައިންގެ އެދުމާއި އެކު ބަޠޫލްގެ ރީތިކަން ފެނުމުން އިންކާރު ނުކުރީއެވެ. ދުވަސްކޮޅަކު ގެންގުޅެފައި ދޫކޮށްލުމަށެވެ. އެމަލުގެ ފޮނިކޮޅު ބޯލުމަށް ފަހު ފިޔަތައް ޗިސްޗިސް ކޮށްލުމަށެވެ. ފަލާޙަކީ މާބުރުގެ އުޞޫލަށް ލޯބިކުރާ ޒުވާނަކަށް ވާތީއެވެ.

ހޮސްޕިޓަލުން ގެއަށް ފޮނުވާލުމުން ބަޠޫލް ހިމޭންކަން އިޚްތިޔާރު ކުރިއެވެ. ފަލާޙާ އިންނަން ނިންމިއެވެ. ޒަޚަމްތަކާއެކު ވެސް ބަޠޫލް އެކަމަށް އެއްބަސްވީ ކައިލް އަށްޓަކައެވެ. ކައިލްގެ ޙަގީގަތް އެގުމުން ވެސް ބަޠޫލް ގެ ހިތުގަވާ ލޯތްބަށް ކުޑަވެސް ބަދަލެއްނާދެއެވެ. އަބަދާއި އަބަދު ކައިލްއަށް އިންތިޒާރު ކުރެއެވެ. ފެނޭތޯ އަބަދު ވެސް ބަލައެވެ. ރޭގަޑުގެ އަރާމް ނިދިންވެސް ބަޠޫލް ވަނީ މަޙްރޫމްވެފައެވެ. ކައިވެނީގެ ކުރިން ހަމަ އެންމެ ފަހަރަކުނަމަވެސް ކައިލް ދެކިލަން ބަޠޫލް ބޭނުންވެއެވެ. ހަމަ ރަނގަޅަށްވެސް ކައިލްގެ ލޯބި ބަޠޫލް މޮޔަކޮށްފިއެވެ.

ބަޠޫލް މޫނުމައްޗަށް ހިނިތުންވުން ވެރިކޮށްގެން އުޅެނީ ހަމައެކަނި މައިން ބަފައިން ގެ އުފަލަށް ޓަކައެވެ. ބަޠޫލް ގެ އެތެރެހަށި ލޯބީ ގެ ޖަޒްބާތުން ވިރަމުންދާކަން އެއްވެސް މީހަކަށް ނޭގެއެވެ. ހިތުގައި އުފެދިފައިވާ ޒަޚަމްތަކާއެކު ވެސް ބަޠުލް ހިތްވަރު ކުރަމުން ދިޔައީ ކައިލް އެދުނު އެދުމަކަށްވާތީ ކައިލްއަށް ޓަކައި ދިރިހުރުމަށެވެ.

ކައިއިވެނީ ކުރުމުގެ ކުޑަވަގުތު ކޮޅެއް ކުރިން ބަޠޫލް ކޮޓަރީގައި އެކަނިވެލިއެވެ. ސަބަބަކީ ކައިލް އޭނާ އާއި ބައްދަލު ކުރާނެކަމަށް ހިތް ބުނަމުން ދާތީއެވެ.ކޮޓަރީގެ ހުޅުވާފައިވާ ކުޑަ ދޮރުން ވަދެގެން އައި ބާރު ވައިރޯޅިއެއް އައިސް ދޮރު ފޮތިތަކާއި ހަމަލަދީފައި ގޮސް ބަޠޫލްގެ އިސްތަށިގަނޑު އުދުއްސާލި ތަނާ ސިހިގެން ދިޔައެވެ. އެނދު މަތީގައި އިން ބަޠޫލް ކުޑަ ކުޑަކޮށް ބޯ ހިއްލައިލި ތަނާ ފިނިފެންމާ ފޮޅޭ ކަހަލަ ވަހެއް ނޭފަތުގައި ޖެހިއްޖެއެވެ. ހަމަ އެއާއެކު ކައިލް ހަނދާންތައް އާވެގެން ދިޔައެވެ.. ދެލޯ ބޮޑުކޮށްގެން ކުޑަ ދޮރާއި ދިމާއަށް ބަލަން އިންދާ އަނެއްކާވެސް އިތުރު ވައިރޯޅިއެއް އައިސް ކުޑަދޮރުގެ ފަރުދާތަކާ ޙަމަލާ ދޭން ފެށިއެވެ.
"ކައިލް........" ކައިލް......ބަޠޫލް މަޑުމަޑުން އެ ނަން ކިޔާލިއެވެ. އިތުރަށް އެންމެ ފަހަރަކު އެސްފިޔަޖަހާލާފައި ބަލައިލިއިރު ކައިލް ހުރީ ބަޠޫލް ގެ ކުރިމަތީގައެވެ.

ކަޅު ކުލައިގެ ޓީޝާޓާއި ޖިންސްގައި ނުހަނު ހިތްގައިމު ގޮތަކަށް ފާރުގައި ލެނގިލައިގެން ހިނިތުންވެފައެވެ. އެ ސާފު ދެލޮލުން ހުރަހެއް ނެތި ބަޠޫލް އަށް ލޯބި ފެންނަމުން ދިޔައެވެ. ..........


ނުނިމޭ....

ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.