ކުޅިވަރު

ޒުވާން ފެތުންތެރިންގެ ނަތީޖާ ހީކުރިވަރަށްވުރެ ރަނގަޅު - ކޯޗު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވަރުގަދަ ފެތުންތެރިންނާ ވާދަކޮށް ދިވެހި ޤައުމީ ފެތުންތެރިން ފުރަތަމަ ދުވަހު ނެރުނު ނަތީޖާއާއިމެދު ހިތްހަމަޖެހޭކަމަށް ސްވިމިންގ ޓީމްގެ ކޯޗު އަހުމަދު ފިރާސް ބުނެފިއެވެ.

ސްވިމިންގ އިވެންޓްތައް ހުކުރުދުވަހު ފެށިއިރު، ފިރިހެން ކުދިންގެ ޓީމް ރިލޭގައިވެސް ރާއްޖެއިން ވާދަކުރިއެވެ. 6 ޤައުމު ވާދަކުރި ރިލޭއިން ރާއްޖެދިޔައީ ފަސްވަނައަށެވެ. އިންޑިވިޖުއަލް 50 މީޓަރ ބްރެސްޓް ސްޓްރޯކް އާއި 50 މީޓަރ ފްރީ ސްޓައިލްގެ ފުރަތަމަ ބުރުގެ ހީޓުތަކުން ރާއްޖޭގެ ފެތުންތެރިންވަނީ ކަޓާފައެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ވަރަށް ޒުވާން ޓީމެކެވެ. ޓީމްގައި ހިމެނޭ ދެ އަންހެން ފެތުންތެރިންނަކީ ހަމްނާ އަހުމަދާއި ޢާއިޝަތު އުލްޔާ ޝާއިގުއެވެ. ފިރިހެން 4 ފެތުންތެރިންނަކީ މުހައްމަދު އާން ހުސެއިން، މުހައްމަދު ޖޫދު، ހުސއިން ހާއިޝް ހަސަން، އަހުމަދު އައްޒާން ޒާހިދެވެ.

ފުރަތަމަ ދުވަހު ފެތުންތެރިންގެ ނަތީޖާތަކާ ގުޅޭގޮތުން ކޯޗު އަހުމަދު ފިރާސް އަފީފް ބުނީ މިފަހަރުގެ އައިއޯއައިޖީގައި ވާދަކުރަނީ އުއްމީދީ ޓީމެއްކަމަށާއި، މިއީ ގިނަ ކުދިންގެ ފުރަތަމަ މުބާރާތްކަމަށެވެ. އަދި ފުރަތަމަ ދުވަހަށް ބަލާއިރު ހީކުރިވަރަށްވުރެ ރަނގަޅު ނަތީޖާއެއް ޓީމުން ނެރުނުކަމަށް ކޯޗު ބުންޏެވެ. ކޯޗު ބުނީ ފަތާ ފެންގަނޑު ފިނިވުމުގެ ސަބަބުން ކުޑަކޮށް ކުދިންނަށް އުނދަގޫވިކަމަށާއި، ފެށިއިރު އައުކަން ފެނުނު ނަމަވެސް ރިލޭއާއި ހަމައަށް ޓީމް އޮތީ ހަމައަކަށް އެޅިފައިކަމަށެވެ.

އަދި ކުރިއަށް ހުރި ދުވަސްތަކުގައި ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރޭނެކަމަށް އުއްމީދުކުރާކަަމަށްވެސް އޭނާ ބުންޏެވެ.