ޚަބަރު

މާލޭގެ 12 ސްކޫލަކުން، 515 ދަރިވަރުން ޤައުމީ ކެޑޭޓްކޯއާ އަލަށް ގުޅިއްޖެ


މާލޭގެ 12 ސްކޫލަކުން، 515 ދަރިވަރުން މިއަހަރު ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯ އާ އަލަށް ގުޅިއްޖެއެވެ. މިއަހަރު ޖޫނިއަރ ކެޑޭޓުންގެ ގޮތުގައި 200 ކެޑޭޓަކު އަދި ސީނިއަރ ކެޑޭޓުންގެ ގޮތުގައި 315 ކެޑޭޓަކު ޤައުމީ ކެޑޭޓްކޯ އާ އަލަށް ވަނީ ގުޅިފައެވެ.

ޤައުމީ ކެޑޭޓްކޯއާ މިއަހަރު އަލަށް ގުޅުނު ޖޫނިއަރ އަދި ސީނިއަރ ކެޑޭޓުން އިޤުރާރުވުމުގެ ރަސްމިއްޔާތުގައި، އެކުދިންނަށް ކެޑޭޓްކަމުގެ ހުވާލައިދެއްވީ، އައްޝައިޚް ޙަސަން ތައުފީގެވެ. ދަރިވަރުންނަށް ހުވައި ލައިދެއްވުމުގެ ކުރިން އައްޝައިޚް ޢިއްޒުއްދީން ޢަދުނާނު ވަނީ ހުވާކުރުމުގައި ދީނީގޮތުން ސަމާލުވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. އެގޮތުން އެމީހެއްގެ ދުލުން އިޤުރާރުވާ އިޤުރާރުވުމާ އެއްގޮތަށް، ޢަމަލުން އެކަން ދެއްކުމަކީ އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާ، އެކަން އެގޮތަށް ނުކުރެވިއްޖެނަމަ ދެން ދީނުގައި ޢަމަލުކުރުމަށް އަންގަވާފައިވާ ގޮތްތަކާ ގުޅޭގޮތުން ޝައިޚް ވަނީ ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.

ޤައުމީ ކެޑޭޓްކޯއާ މިއަހަރު އަލަށް ގުޅުނު ކުދިންނަށް ހުވައި ލައިދިނުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޤައުމީ ކެޑޭޓް ކޯގެ ކޮމާންޑިންގް އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދުވަނީ ސްކޫލް މާޙައުލުގައި އުޅޭއިރު ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ރީތި އަޚްލާޤީ ސިފަތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މިފަދަ ރިވެތި ސިފަތަށް ޒަމާނުއްސުރެ ރާއްޖޭގެ ކެޑޭޓުންގެ ކިބައިގައި ހުންނަކަން ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ފާހަގަކުރެއްވިއެވެ. ޤައުމީ ކެޑޭޓް ކޯގެ ކޮމާންޑިންގް އޮފިސަރވަނީ ކެޑޭޓުންނަކީ އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދޭ ހުނަރުވެރި ކުދިބަޔަކަށް ވުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް ކެޑޭޓުން ފާހަގަކުރެވެނީ ވަރަށް ރިވެތި އަޚުލާގެއްގެ ވެރި ބަޔަކަށް. އެގޮތުން ކެޑޭޓުން މިއަދު ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ރިވެތި އަޚުލާޤުދެއްކުމަކީ މިކަމުގެ އަލިގަދަ ހެތްކެތް." ޤައުމީ ކެޑޭޓް ކޯގެ ކޮމާންޑިންގް އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވިދާޅުވިއެވެ.

އެހެން އަހަރުތަކޭވެސް އެއްގޮތަށް މިއަހަރުވެސް ކެޑޭޓް ޙަރަކާތް މެދުވެރިކޮށް، ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ޚާއްޞަ ކަންތައްތަކެއް ކުރެއްވުމަށް ރާއްވަވާފައިވާކަމަށް ޤައުމީ ކެޑޭޓް ކޯއިން މަޢުލޫމާތުދެއްވައެވެ. އަދި މި ޙަރަކާތްތައް މާލެއެކޭ އެއްފަދައިން، އަތޮޅުތަކުގެ ސްކޫލުތަކުގައިވެސް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށް ކެޑޭޓް ކޯއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ނަމުގައި ރާއްޖޭގައި ކެޑޭޓް ޙަރަކާތްތައް ރަސްމީގޮތުން ފަށްޓަވާފައިވަނީ 1995 ވަނަ އަހަރުގެ ޖުލައި 25 ގައެވެ.