ޚަބަރު

އައު ޚިދުމަތްތަކާއި އެކު ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ ހުޅުވައިފި


ދިވެހި ޒުވާން ޖީލަކީ ފޮތާއި ރައްޓެހި ބަޔަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ހެރިޓެޖް މިނިސްޓަރ މިފަދައިން ވިދާޅުވީ، ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ މަރާމާތުކޮށް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީއަކީ ޤައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ތަނެކެވެ. އެހެންނަމަވެސް ވޭތުވެ ދިޔަ ތަނުގައި މި ލައިބްރަރީއަށް އަޅާނުލާ ދޫކޮށްލުމުގެ ސަބަބުން މި ތަން ހިންގުމުގައި ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން މި މައްސަލަތަށް ދިގުދެމި ހައްލުނުވެ ހުރުމުގެ ސަބަބުން މި ލައިބްރަރީވަނީ ވޭތުވެ ދިޔަ 8 މަސްދުވަހު ބޭނުންނުކޮށް ބަންދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތަޢުލީމީ ނިޒާމަށް ދެއްވާ އަހަންމިއްޔަތުގެ ދަށުން މި ލައިބްރަރީ ތަރައްޤީކުރުމުގެ މަސައްކަތްފަށާ މި ލައިބްރަރީ މިހާރު ވަނީ އައު ޚިދުމަތްތަކާއިއެކު ހުޅުވާފައެވެ. ހެރިޓެޖް މިނިސްޓްރީއިން މަޢުލޫމާތުދެއްވާގޮތުގައި މި ލައިބްރަރީ ހުޅުވުން ލަސްވީ އިމާރާތުގެ ކަރަންޓުގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވުމުގެ ސަބަބުންކަމަށެވެ.

ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ މަރާމާތުކޮށް އަލުން ހުޅުއްވާދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫނެވެ. ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ ހުޅުއްވާ ދެއްވާ ވާހަކަދައްކަވަމުން ހެރިޓެޖް މިނިސްޓަރ ޔުމްނާ ވަނީ ފޮތް ކިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފޮތަކީ ކުދިންގެ ޚިޔާލު ތަނަވަސްވެ ސިކުނޑި ހުޅުވޭކަމެއްކަން މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޔުމްނާ ވަނީ ދިވެހި ޒުވާން ޖީލަކީ ފޮތާއި ރައްޓެހި ބަޔަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ފަދަ އިތުރު މަލްޓި މީޑިއާ ލައިބްރަރީތަށް ތަރައްޤީކުރުމާއި ތަޢުލީމީ ނިޒާމަށް ގެންނަ ބަދަލުތަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފޮތް ކިއުމަށް ވަގުތު ހާއްސަކުރަން ޖެހޭ. އެއީ މިކަމަކީ ސިކުނޑި ހުޅުވޭ ކަމެއް. ޚިޔާލު ތަނަވަސް ވާކަމެއް. މިކަން ކުރުމުގައި ސަރުކާރުން ދައުރެއްވާއިރު ބެލެނިވެރިން ކުދިންގެ ޅ އިރުން ފެށިގެން މިއާދަތަށް އަށަގަންނަވަން ޖެހޭ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ މަރާމާތުކޮށް އަލުން ހުޅުއްވާފައިވާއިރު، މި އިމާރާތުގައި ކުރިން ކުޑަކުދިންނަށް ޙާއްސަ ކިޑީ ކޯނަރ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުރިހުރުން ބަދަލުކޮށް، ކުދިންގެ ރައްކާތެރިކަމަށްޓަކައި ގްރައުންޑު ފްލޯއަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ކުދިން އައިސް ކިޔަވަން ތިބެވޭ ސްޓަޑީ ކޯނަރ އެއް ތަރައްޤީކޮށްފައިވާއިރު، ކުޑަކުދިންނާއި ގުޅޭ ފިލްމު އެޅުވުމަށް ތިއޭޓަރެއްވަނީ ޤާއިމުކޮށްފައެވެ. މި ލައިބްރަރީގައި ދިވެހި އަދި އިނގިރޭސި ސެކްޝަން ވަކިކޮށްފައިވާއިރު، މަރާމާތުކުރުމަށްފަހު ލައިބްރަރީ ހުޅުވިއިރު އެ ލައިބްރަރީއަށް 2 ހާހަށްވުރެ ގިނަ ފޮތް ވަނީ ހަދިޔާކޮށްފައެވެ.