ވިޔަފާރި

މޯލްޑިވްސް ފިޓްނަސް އެކްސްޕޯ ފަށައިފި


ފިޓްނަސް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިވްސް ފިޓްނަސް އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ ކުޑަ ހުސައިން ސްޕޯރޓްސް އެކަޑަމީގެ ރައީސް އަދި ކުރީގެ މަޝްހޫރު ދުވުންތެރިޔާ ހުސައިން ހަލީމެވެ.

ރާއްޖޭގެ ކުންފުންޏެއްކަމަށްވާ އިންސައިޓް ކޮންސަލްޓަންސީ ސަރވިސް، (އައި.ސީ.އެސް)އިން އިންތިޒާމްކުރާ "މޯލްޑިވްސް ފިޓްނަސް އެކްސްޕޯ" ކުރިއަށްދާނީ އާދީއްތަދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައެވެ.

މި އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސައިން ހަލީމް ވިދާޅުވީ، މިއަދު މި އެކްސްޕޯއަށް ލިބުނު ތަރުހީބު ދަށްނަމަވެސް މާޒީގައި މިފަދަ އެކްސްޕޯއަށް ލިބޭ ތަރުހީބު އިތުރުވެގެންދާނެ ކަމަށެވެ. ރާއްޖޭގައި ފުރަތަމަ ބޭއްވި ބައިސްކަލު މުބާރާތާއި، ފެތުމުގެ މުބާރާތް ފަދަ މުބާރާތްތަކުގައިވެސް އެންމެ ފުރަތަމަ ބައިވެރިވީ މަދު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ފިޓްނަސް އެކްސްޕޯއާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިންސައިޓް ކޮންސަލްޓަންސީ ސަރވިސްގެ މާކެޓިންގ ކޯޑިނޭޓަރ މަރިޔަމް ރާއިމާ އިސްމާއިލް ވިދާޅުވީ، މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އެއްތަނަކުން ޢާއްމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޢާއްމުންގެ މެދުގައި ފިޓްނަސް ދާއިރާއަށް ހޭލުންތެރިކުރުވުމަކީވެސް މިއެކްސްޕޯ ބާއްވާ މަޤްޞަދެއްކަމަށް ރާއިމާ ވިދާޅުވިއެވެ.

މި އެކްސްޕޯގައި ފިޓްނަސް ދާއިރާއާއި ގުޅުންހުރި 10 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ވިޔަފާރިތަކާއި، ފިޓްނަސް ކޯޗުންނާއި، ނިއުޓްރިޝަން ސަޕްލައިކޮށްދޭ ފަރާތްތައް ހިމެނެއެވެ.

ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހަށް ފިޓްނަސް އެކްސްޕޯ ކުރިއަށްދާއިރު، ކޮންމެ ދުވަހަކު މެންދުރުފަހު އަދި ރޭގަނޑުވެސް އެކްސްޕޯއަށް ޒިޔާރަތް ކުރެއްވޭނެ ކަމަށް ފިޓްނަސް އެކްސްޕޯ އިންތިޒާމްކުރާ އައިސީއެސްއިން ބުނެއެވެ.