ޚަބަރު

ނަގިލި ނަގަން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި


ދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޚަބަރެއް ނުވެގެން ހޯދަމުން ދަނީ ކ.ގުޅީ ފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށްކިޔާ މަސް ދޯންޏެއްގައި މަސައްކަތްކުރާ ބިދޭސީ ފަޅުވެރިއެއްކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 08:50 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ބަންގްލަދޭޝްގެ މި މީހާ މޫދަށް ފޭބި އިރު ލައިގެން ހުރީ ކަޅުލައިގެ ސޯޓެއް ކަމަށާއި އަދި ރީނދޫ ކުލައްގެ މާސްކެއް އަޅާފައި ވާކަމަށް ދޯނީގެ ކެޕްޓަން މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ވަނީ އެ މީހާ ގެއްލުނު ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އެމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުމަށް އިލްތިމާސްކޮށްފައެވެ.