ކުޅިވަރު

ޓެބަލް ޓެނިސް ޓީމް އިވެންޓްގައި ރާއްޖޭގެ ފިރިހެން ޓީމު ވަރުގަދަ ގްރޫޕަކަށް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓެބަލް ޓެނިހުގެ ޓީމް އިވެންޓްގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމް ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފިއެވެ.

ފައިނަލުން ޖާގަ ހޯދަން އަމާޒު ހިފައިގެން ގޭމްސްއަށް އައި ރާއްޖޭގެ ޓޭބަލް ޓެނިސް ޓީމް ލައްވާލީ ރިޔޫނިއަން އަދި މަޑަގަސްކަރއާއިއެކު ގްރޫޕް އޭގައެވެ. މިގޮތުން 2015ގައި އެންމެ ވަރުގަދަކޮށްފެނުނު ފިރިހެން ޓީމަކީ ރިޔޫނިއަންއެވެ. އަދި 2015ގައި އެންމެ އެދެވޭ ކާމިޔާބެއް ނުލިބުނުކަމުގައިވިޔަސް މަޑަގަސްކަރއަކީ ޓެބަލްޓެނިހުގައި މި ގޭމްސްގައި ގަދަ ބާރެކެވެ.

ފިރިހެން ޓީމް އިވެންޓްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ މެންދުރު 12:30ގައި ނިކުންނާނީ މަޑަގަސްކަރއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ރިޔޫނިއަންއާއި ދެކޮޅަށް ނިކުންނާނީ އެދުވަހު 03:15ގައެވެ.

ޓޭބަލް ޓެނިހުގެ އަންހެން ޓީމް އިވެންޓަށް ބަލާއިރު، ރާއްޖެ ހިމެނެނީ ގޭމްސް ބާއްވާ ޤައުމު މޮރީޝަސްއާއިއެކު ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ މަޔޮޓްއެވެ. މޮރީޝަސްއަކީ ފަހަކަށް އައިސް އަންހެން ޓޭބަލް ޓެނިހުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމެކެވެ. މިގޮތުން އެޓީމްގައި ބައިނަލްއަގްވާމީ ތަޖުރިބާހުރި ޒުވާން ހުނަރުވެރި ކުޅުންތެރިން ގިނައެވެ.

ޓޭބަލް ޓެނިސް ޓީމް އިވެންޓްގައި އަންހެން ޓީމްގެ މެޗުަތައްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޓީމްގެ މެޗުތައް ކުޅޭ ގަޑިތަކުގައެވެ.

ޓޭބަލް ޓެނިހުގެ ޓިމް އިވެންޓް ސެމީ ފައިނަލުން ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.