ޚަބަރު

މޫސުމަށް ސަމާލުވޭ - ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ ބުނެފިއެވެ. އެ އިދާރާއިން ވަނީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތަކަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފައެވެ. ވިއްސާރާގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ރަށްރަށަށް ވަނީ ގެއްލުންވެސް ވެފައެވެ. އެގޮތުން ވިއްސާރައިގައި ގެއްލުންވެގެން ހދ.ހިރިމަރަދޫއާއި ކުޅުދުއްފުށިން ރިޕޯޓުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ށ.ފޭދޫއަށްވެސް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ގެއްލުންތަކެއް ވެފައެވެ. ފޭދޫ ކައުންސިލްގެ ރައީސް މުޙަންމަދު ޝާމިރު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ ސްކޫލްގެ ކްލާސް ރޫމުތަކަށް ފެން ވަދެފައިވާ ކަމަށާއި ކުދިން ކުޅޭ ސަރަހައްދުގައި ދަމާފައިވާ ދާގަނޑުވެސް ހަލާކު ވެފައިވާކަމަށް. އަދި އެރަށުގެ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއާއި ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފައެވެ.