ކުޅިވަރު

ބޫޓާނާއި ލެޓްވިއާގެ ޓީމް އައްޑޫ ސިޓީއަށް


ޔޫއެފާ އެސިސްޓް މުބާރާތަށް ބޫޓާނާއި ލެޓްވިއާގެ 15 އަހަރުން ދަށުގެ ޓީމް އައްޑޫ ސިޓީއަށް އަތުވެއްޖެއެވެ.

ބޫޓާން އާއި ލެޓްވިއާގެ ކުޅުންތެރިން އައްޑޫ ސިޓީއަށް އައިސްފައިވަނީ ދެ ފްލައިޓެއްގައެވެ. ގަމުގެ ވައިގެ ބަނދަރުން ދެޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާފައިވަނީ، ފޭދޫ ސްކޫލުގެ ދަރިވަރުންނާއެކު އެފްއޭއެމް ގްރާސްރޫޓު ހެޑް އަޙްމަދު ޝަރީފް (ޑުންގާ) އާއި އެފްއޭމް އައްޑޫ އޮފީހުގެ އިސްފަރާތްތަކެވެ.

ހޮނިހިރު ދުވަހު ފަށާ މިމުބާރާތާއި ގުޅޭ ގޮތުން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ބޫޓާނުގެ ކޯޗް އަޓްސުޝީ ނަކަމޫރާ ބުނީ، ބޫޓާން މިވަގުތު އޮތީ ފުދޭވަރަކަށް ފިނިކޮށް ކަމަށާއި، އެހެންކަމުން ރާއްޖޭގެ ހޫނު މާހައުލުގައި ކުޅުމަށް ތައްޔާރުވި ކަމަށެވެ. ނަމަވެސް ރައްޖެއަށް މިދުވަސް ވިއްސާރަކޮށް އޮވެ ފިނިކޮށް އޮތުމުން މިގޮތަށް މޫސުން ދެމި އޮންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެނާ ބުންޏެވެ. ބޫޓާން އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވަނީ މުބާރާތް ހުޅުވާ މެޗުގައި ރާއްޖެއާއި ދެކޮޅަށެވެ.

މުބާރާތާއި ގުޅޭ ގޮތުން ލެޓްވިއާ ޓީމުގެ މެނޭޖާރ އިލްވާރ ރުޓްސްކޮވްސްކީ ބުނީ، ޓީމު ދިގު ދަތުރެއްކޮށްފައި އައުމުން ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސު ކުރެވޭ ކަމަށެވެ. އަދި ރާއްޖެ ހޫނު ވާނެކަމަށް ބަލައި އެގޮތަށް ތައްޔާރު ވެފައިވާކަން އޭނާވެސް ފާހަގަ ކުރިއެވެ. އަދި ޔޫރަޕުން ބޭރުގެ ޓީމުތަކަކާއެކު ކުޅެން އޮތުމުން ޗެލެންޖިންގް މެޗްތަކާއި ކުޅެން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މުބާރާތުގައި ލެޓްވިއާ އެންމެ ފުރަތަމަ މެޗު ކުޅޭނީ 21 ވަނަ ދުވަހު ސައުދީ އަރަބީއްޔާ އާއި ދެކޮޅަށެވެ. އައްޑޫ ސިޓީއަށް ސައުދީ ޓީމު އައުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.