ކުޅިވަރު

އެންމެ ބޮޑު ޗެލެންޖަކީ ލެޓްވިއާ އާއި ސައުދީ ޓީމް - ޖަޑާ


އައްޑޫ ސިޓީގައި ފެށުމަށް ތައްޔާރު ވަމުންދާ ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ލެޓްވިއާ އާއި ސައުދީ އަރަބީއްޔާގެ ޓީމް ކަމަށް ރާއްޖޭގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ބުނެފި އެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތަށް އައްޑޫ ސިޓީއަށް ޓީމުތައް އަންނަންވަނީ ފަށާފަ އެވެ. އެގޮތުން އައްޑޫ ސިޓީއަށް އެންމެ ފުރަތަމަ އައިސްފައިވަނީ ރާއްޖޭގެ 15 އަހަރުން ދަށުގެ ޤައުމީ ޓީމެވެ. މިޓީމަށް ގަމުގެ ވައިގެ ބަނދަރުން މަރުހަބާ ދެންނެވީ، އެފްއޭމް ގްރާސް ރޫޓް އަޙްމަދު ޝަރީފް (ޑުންގާ) އާއި އެފް.އޭ.އެމްގެ ބައެއް އިސް ވެރިންނެވެ.

ގަމުގެ ވައިގެ ބަނދަރުން ޕީއެސްއެމް ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޤައުމީ ޓީމުގެ ހެޑް ކޯޗް އިބްރާހިމް ހަލީމް ބުނީ، ޓީމަށް އެންމެ ބޭނުންވާ ވަރަށް ޕްރެކްޓިސް މެޗް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މިޓީމަށް އެންމެ ބޮޑު ޗެލެންޖަކަށް މިމުބާރާތުގައި ވާނީ ސައުދީ އާއި ލެޓްވިއާ ކަމަށް އެނާ ބުންޏެވެ. ހަލީމް ބުނި ގޮތުގައި މިއީ އޭފްސީ އަށް ދިއުމުގެ ކުރިން ލިބޭ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެކަމަށެވެ.

" އެންމެ ބޮޑު ޗެލެންޖަކަށް ދިމާވާނީ ސައުދީ އާއި ލެޓްވިއާ. އަސްލު ފުރަތަމަ އޭއެފްސީއަށް ދިއުމުގެ ކުރިން މި ކުޅެނީ އައްޑޫގައި ޔޫއެފާ މުބާރާތް. މިމުބާރާތުގެ އެކްސްޕީރިއެންސް ކުޅުންތެރިންނަށް ފުދޭވަރަކަށް ލިބިފަ އަނެއްކާ މިދަނީ ޤަތަރަށް. އެވެސް އޭއެފްސީއަށް ދިއުމުގެ ކުރީން ލިބޭ އެކްސްޕީރިއެންސް. އަސްލު އެފްއޭގެ ޓާގެޓަކީ މިކުދިން ސީނިއާ ލެވެލްއަށް ދާއިރު ސާފުގައި ގޯލްޑް މެޑަލް ހޯދުން " ހަލީމް ބުންޏެވެ.

މުބާރާތުގައި ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ކުޅޭނީ ބޫޓާން އާއި ރާއްޖެއެވެ. ޤައުމީ ޓީމުން ބުނެފައިވަނީ ފުރަތަމަ މެޗައް ތައްޔާރު ވެފައިވާ ކަމަށާއި ބޫޓާނާއެކު ކުޅޭ މެޗުން މޮޅުވުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތް ކުރާނެ ކަމަށެވެ.