ވިޔަފާރި

ގޯ އެއަރގެ ދަތުރުތައް ބޫޓާންއަށް ފަށަނީ


ގޯ އެއަރގެ ދަތުރުތައް ބޫޓާންއަށް ފަށަން ތައްޔާރުވެއްޖެއެވެ.

މި ދަތުރުތަކާއި އެކު ގޯ އެއަރވެގެންދާނީ ޑޮމެސްޓިކް ދަތުރުތައް ކުރާ އަމިއްލަ ކުންފުންޏަކުން ހިންގާ އެއަރލައިނަކުން ބޫޓާންއަށް ދަތުރުތައް ފަށާ ފުރަތަމަ އެއަރލައިނަށެވެ.

ގޯ އެއަރލައިން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނިއު ދިއްލީން ބޫޓާންގެ ޕަރޯއަށެވެ. ގޯ އެއަރއިން ބޫޓާނަށް ދަތުރުތައް ފަށާނެ ތާރީޙެއް އަދި ހާމައެއް ނުކުރެއެވެ.

ގޯ އެއަރއިން ވަނީ އެއަރލައިންގެ ދަތުރުތައް ފުޅާކުރުމަށް ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ނިންމާފައިވާކަން އިޢުލާންކޮށްފައެވެ. އެގޮތުން ބެންކޮކް، ދުބާއީ އަދި ކުވެތަށް ދަތުރުތައް ފެށުމަށް އެއަރލައިނުން ދަނީ ތައްޔާރުވަމުންނެވެ.

2005 ވަނަ އަހަރުފެށި ގޯ އެއަރއިން ހުސްވި އަހަރު ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް ފަށާފައިވާއިރު، ރާއްޖެއަކީ ގޯ އެއަރއިން ދަތުރުތައް ފެށި ދެވަނަ ޤައުމެވެ. ނަމަވެސް މިފަހުން ގޯ އެއަރއިންވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައެެވެ. އެހެންނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަންއާ ދިމާކޮށް، މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ދަތުރުތައް އަލުން ފަށާނެ ކަމަށް އެއަރލައިނުން ހާމަކުރެއެވެ.

ގޯ އެއަރއިން ދަނީ ބައިނަލްއަޤްވާމީ އެކި މަންޒިލްތަކަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ތައިލެންޑުގެ ޕުކެޓާއި، އަބޫ ދާބީ އަދި މުސްކެޓް ހިމެނެއެވެ.