ޚަބަރު

ވައިގަދަވެ ދިމާވެދާނެ ހާދިސާއަކަށް ސަމާލުވުމަށް އިމާރާތްކުރާ ފަރާތްތަކަށް މަސީން ގޮވާލައިފި


މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައި ކޮންސްޓްރަކްޝަން ސައިޓް ތަކުގައި ބަހައްޓާފައި ހުންނަ ދަނގަޑު ހޮޅިފަދަ ތަކެތި ރައްކާތެރި ގޮތެއްގައި ބެހެއްޓުމަށް ސަމާލުކަންދިނުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން އިލްތިމާސް ކޮށްފިއެވެ.

މަސީން ނެރުނު ސަރކިއުލަރއެއްގައިވަނީ ކޮންސްޓްރަކްޝަން ސައިޓް ތަކުގައި ހުންނަ ބައެއްތަކެތި ގަދަ ވަޔާއެކު ވެއްޓި ތަކެއްޗާއި މީހުންނަށް ގެއްލުންވާކަން ފާހަގަ ވެފައިވާކަމަށެވެ. މަސީން ވަނީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުވާމީހުންނާއި، މަސައްކަތް ކުރާ މީހުންނާއި، އެފަދަ ސައިޓުތައް ހުންނަ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

މިހާރަކަށް އައިސް މާލޭގައި އިމާރާތް ކުރާ ސައިޓްތަކާއި ގޭގެއިންވެސް ތަކެތި ވެއްޓި އާންމުންނާއި މުދަަލަށް ގެއްލުން ލިބޭ މިންވަރު ވަނީ އިތުރުވެފައެވެ. މި ދުވަސްވަރަކީ ވައި ބާރު ދުވަސްވަރެއްކަމުން އެކަމަށް ޙާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.