ކުޅިވަރު

ސައުތު އޭޝިއަން ބޮޑީބިލްޑިން މުބާރާތުން 3 މެޑަލް


12ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުން ރާއްޖެއަށް އެންމެ މަދުވެގެން ތިން މެޑަލް ލިބޭނެކަމަށް އުއްމީދު ކުރާކަމަށް ޤައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗް މުޙައްމަދު އިބްރާހީމް ބުނެފިއެވެ.

ޤައުމީ ބޮޑީބިލްޑިން ޓީމު ރާއްޖެއިން ފުރާފައިވަނީ ނޭޕާލްގައި އޮންނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕަށެވެ. މިމުބާރާތުގައި ރާއްޖެއިން އެކިއެކި ކެޓަގަރީތަކުގައި 7 ބޮޑީބިލްޑަރުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަވަމުން ޤައުމީ ބޮޑީބިލްޑިން ޓީމްގެ ކޯޗް މުޙައްމަދު އިބްރާހީމްބުނީ މިއަހަރުގެ މިމުބާރާތަށް ރާއްޖޭގެ ބޮޑީބިލްޑަރުން ތައްޔާރުވަމުން އަންނަތާ މިހާރު ދެމަސް ދުވަހަށްވުރެއް ގިނަ ދުވަސްވެފައިވާކަމަށާ ޓީމްގެ އެތްލީޓުން މިހާރު ތިބީ މުބާރާތަށް ވަރަށް ރަގަނޅަށް ތައްޔާރުވެފައިކަމަށްވެސް ކޯޗް މުހައްމަދު އިބްރާހިމް ބުންޏެވެ. އަދި އެހެން އަހަރުތަކާ އަޅާބަލާއި މިއަހަރުގެ މުބާރާތަށް ރާއްޖޭގެ އެތްލީޓުން ވަރަށް ރަގަނޅަށް މުބާރާތަށް ތައްޔާރުވެފައިވާކަމަށާ އުއްމީދަކީ އެއް ރަން މެޑަލާއި ރިހި މެޑަލަށްކަމަށްވެސް ކޯޗް މުހައްމަދު އިބްރާހިމް ބުންޏެެވެ.

"މިއަހަރު އެތްލީޓުން ވަރަށް ރަގަނޅަށް މުބާރާތަށް ތައްޔާރުވި. އެހެން އަހަރުތަކުގެ މުބާރާތަށް ބަލާއިރު، މިއަހަރުވެސް ރާއްޖޭގެ ޓީމްއަށް އެންމެ ބޮޑު ވާދައެއް ކުރަންޖެހޭނީ އަވައްޓެރި އިންޑިޔާ އަދި އަފްގާނިސްތާންގެ ބޮޑީބިލްޑަރުން. މިދެ ގައުމް އެންމެ ވާދަކުރާނެކަމަށް މިބަލަނީ. މިއަހަރު ރާއްޖޭގެ އެތްލީޓުންވެސް ވަރަށް ރަގަނޅަށް ތައްޔާރުވެފައިވަނީ. އަސްލުގައި މިބަލަނީ ރާއްޖެއިން ވާދަކުރާ 7 އެތްލީޓުންނަށްވެސް މެޑަލް ލިބުން. ނަމަވެސް އެންމެ މަދުން މިންވަރަށް މިބަލަނީ ތިން މެޑަލް. އެއީ އެއް ރަން މެޑަލްއާއި ދެ ރިހި މެޑަލް." ކޯޗު މުޙައްމަދު އިބްރާހީމް ބުންޏެވެ.

12ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް މިމުބާރާތުގައި ވާދަކުރަނީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިޔާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީލަންކާއެވެ.