ވިޔަފާރި

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮރެއާ އަދި ޗައިނާގެ ނޫސްވެރިން ރާއްޖެއަށް


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ސައުތު ކޮރެއާ އަދި ޗައިނާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ނޫސްވެރިންގެ ޓީމުން ރާއްޖެއަށް ކޮށްފައިވާ މި ދަތުރުކީ މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ ދައުވަތަކަށް ކުރި ދަތުރެކެެވެ. މިއީ ނޫސްވެރިން މެދުވެރިކޮށް ބޭރު ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމް.އެމް.ޕީ.އާރު.ސީން މިއަހަރު ތެރޭގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ ހަރަކާތުގެ ބައެކެވެ. އެގޮތުން މީގެކުރިން ފްރާންސް، އަދި އެހެން ޔޫރަޕްގެ ޤައުމުތަކުގެ ނޫސްވެރިންގެ ޓީމްތައް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ސައުތު ކޮރެއާގެ ނޫސްވެރިންގެ ޓީމް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 10 އިން 16 އަށެވެ. މި ޓީމްގެ މެމްބަރުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ކަނޑިންމަ މޯލްޑިވްސް، ތާޖް އެކްސޯޓިކާ ރިސޯޓް އަދި ސަމާ އައިލެންޑް މޯލްޑިވްސްގައެވެ.

ޗައިނާގެ ނޫސްވެރިންގެ ޓީމް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ ސޯޅަވަނަ ދުވަހުއެވެ. ޗައިނާގެ ނޫސްވެރިންގެ ޓީމުން ރާއްޖޭގައި 6 ދުވަސް ހޭދަކުރާނެއެވެ.

މި ޓީމުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ގްރޭންޑް ޕާކް ކޮށްދިއްޕަރު، ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަދި ވެލައްސަރު މޯލްޑިވްސްގައެވެ.

އެމް.އެމް.ޕީ.އާރު.ސީގެ އުއްމީދަކީ މި ދަތުރުތަކުގެ ސަބަބުން ދިވެހިރާއްޖެ އިތުރަށް މި ޤައުމު ތަކުގައި އިޝްތިހާރު ވުމަށް މަގުފަހިވެގެން ދިއުމެވެ.