އާއިލާއާއެކު ބޮލީވޫޑްގެ މަޝްހޫރު ތަރި ޝާހްރުކްޚާން ރާއްޖެ އަތުވެއްޖެއެވެ.
މިއަދުގެ ވަގުތެއްގައި ޝާހު ރާއްޖެ އައިސްފައިވަނީ އޭނާގެ ދޮށީ ދަރިފުޅު އާރިޔާން ޚާނާއި އަންހެން ދަރިފުޅު ސުހާނާ ޚާނާއި ހަގު ދަރިފުޅު އަބްރަމް ޚާނާއި އަންހެނުން ގޯރީ ޚާންއާއެކުއެވެ.
މަޢުލޫމާތުލިބިފައިވާ ގޮތުގައި އެމީހުން ތިބުމަށް ހަމަޖެހިފައިވަނީ ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.
ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލު ތަނެކެވެ. އެގޮތުން މިއަހަރުގެ ތެރޭވެސް ބޮލީވީޑްގެ މަޝްހޫރު ގިނަ ތަރިން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އައިސްފައިވެއެވެ. އޭގެތެރޭގައި މަލައިކާ އަރޯރާއާއި އަރްޖުން ކަޕޫރު، ކްރިތީ ސެނޯން އަދި ކެޓްރީނާ ކައިފް ހިމެނެއެވެ.
އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ މަޤްބޫލު މަންޒިލެއްކަމަށްވާއިރު މިއަހަރުގެ ފުރަތަމަ ފަސްމަސްދުވަހުގެ ތެރޭގައިވެސް އިންޑިއާއިން ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ޢަދަދު ދެގުނައަށް ވަނީ އިތުރުވެފައެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައިސްފައިވަނީ ތިރީސް ތިންހާސް ހަތްސަތޭކަ ތިރީސް ހަތަރު ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަސްދޮޅަސް ފަހަކަށް އިތުރުވެފައެވެ.
މިއަހަރުގެ މިހާހިސާބަށް އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެފައިވާއިރު، އިންޑިއާ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ މޭމަހުގެ ތެރޭގައެވެ. މޭމަހު އެކަނިވެސް އިންޑިއާއިން ރާއްޖެއަށް ސަތާރަހާސް ތިންސަތޭކަ އަށްޑިހަ ނުވަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މޭމަހު ރާއްޖެއަށް ޒިޔާރަތްކުރީ އަށްހާސް ހަތްސަތޭކަ އެގާރަ ފަތުރުވެރިންނެވެ.