ވިޔަފާރި

އައްޑޫގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާނެ ސަރަހައްދެއް ކަނޑައަޅަނީ


އައްޑޫގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާނެ ވަކި ސަރަހައްދެ ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިކަން ހާމަކޮށްފައި ވަނީ ދިރުއުޅުމަށް ބޭނުން ކުރާ ގޯތީގައި ހުއްދަ ނުހޯދައި ގަރާޖް ނުވަތަ ވޯކްޝޮޕް ހެދުމަށްފަހު އެތަންތަން ހިންގަން ހުއްދަ ހޯދުމަށް އެދި ހުށައަޅާ މައްސަލައިގައި ނެރުނު އިއުލާނެއްގައެވެ.

ކައުންސިލުން ބުނި ގޮތުގައި މިހާރަކަށް އައިސް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ގަރާޖް ނުވަތަ ވޯކްޝޮޕް ފަދަ ތަންތަން ހުއްދަ ނެތި ހެދުމަށް ފަހު އެތަން ހިނގުމުގެ ހުއްދަ ހޯދުމަށް ކައުންސިލަށް ހުށައަޅަމުންދާ ކަމަށެވެ. އަދި ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯތި ދިވެހހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި ޙިލާފަށް އެހެނިހެން ބޭނުންތަކަށް ނަފާ ހޯދުމަށް ދޫކުރެވޭކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ރައްޖޭގެ އިމާރާތް ކުރުމުގެ ޤާނޫނުގެ މަޤްސަދެއް ގޮތުގައި، ދިރިއުޅުމަށް ދޫކުރެވޭ ގޯތީގައި ކުރެވޭ އިމާރާތަކީ ރައްކާތެރި، ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކޮއްދޭ އަދި އެތަންތަން ބޭނުން ކުރާ ފަރާތްތަކަށް ގެއްލުން ނުވާ ފަދަ ތަންތަނަށް ވާން ޖެހޭކަން ހިމެނޭ ކަމަށެވެ. އަދި މިގޮތަށް ދޫކުރެވޭ ގޯތިތަކުގައި ގަރާޖު ވަޑާންގެ ފަދަ ތަންތަން އިމާރާތްކޮށް އެސަރަހައްދުގެ ރައްޔިތުންގެ ފަރާތުން އެއިދާރާއަށް ޝަކުވާ ހުށެއެޅެމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ. އެހެން ކަމުން މިފަދަ ކަންކަމަށް ހައްލެއް ހޯދުމަށް ގަރާޖްއާއި ވަޑާންގެ ފަދަ ތަންތަން އިމާރާތް ކުރުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާކަން ކައުންސިލުން ބުނެއެވެ.

އަދި ކުރިއަށް އޮއްތަނުގައި ގޯތި ގެދޮރުގައި ހަދާ ގަރާޖްފަދަ ތަންތަނަށް ހުއްދަ ނުދޭނެކަމަށް ވެސް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން މިފަދަ ގޯތިތައް ދިރިއުޅުން ނޫން ބޭނުންތަކަށް ނަގާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.