ވިޔަފާރި

ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ދިވެހި ޝެފަކަށް މުހައްމަދު އާދިލް


ކަލިނަރީ ޗެލެންޖުގެ އެންމެ މޮޅު ދިވެހި ޝެފަކަށް ފާރުފުށި މޯލްޑިވްސް ރިސޯޓުގެ މުހައްމަދު އާދިލް ހޮވިއްޖެއެވެ.

ކަލިނަރީ ޗެލެންޖްއަކީ ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓެލްތަކުގައި ހަރަކާތްތެރިވާ ޝެފުންގެ މެދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ ކަލިނަރީ ޗެލެންޖް ބާއްވާފައިވަނީ ޖުލައި މަހުގެ 14 އިން 17 އަށް ފުޑް އެންޑް ހޮސްޕިޓޭލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމްގެ ބައެއްގެ ގޮތުގައެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވާއިރު މީގެ ތެރެއިން އެންމެ މޮޅު ދިވެހި ޝެފަކަށް ހޮވިފައިވަނީ ފާރުފުށި މޯލްޑިވްސް ރިސޯޓުގެ ޝެފް މުޙައްމަދު ޢާދިލްއެވެ.

ޝެފް އާދިލްއަށް އެންމެ މޮޅު ދިވެހި ޝެފްގެ އެވޯޑު ލިބިފައިވަނީ "ކްރިއޭޓިވް މޯލްޑިވިއަން މީލް" މި ކެޓަގަރީން ވާދަކޮށްގެންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ޝެފަކަށް ހޮވިފައިވަނީ 'ހެރިޓެންސް އާރަށް' ރިސޯޓުގެ ޝެފް ބީ.އޭ.ޑީ ފާރނެންޑޯ އަށެވެ. މި އެވޯޑުގެ އިތުރުން އޭނާ ވަނީ 'ހޮޓް ކުކިންގ އަދި ޑެޒާޓް' ގެ ބައިން ދެވަނަ ހާސިލްކޮށްފައެވެ.

500 އަށް ވުރެ ގިނަ ފަންނާނުން ބައިވެރިވި މި މުބާރާތުގައި 22 ކެޓަގަރީއަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝެފުން ވާދަކޮށްފައިވެއެވެ. އެގޮތުން އެކި ކެޓަގަރީތަކަށް ބަލާލާއިރު "މޯސްޓް އައުޓްސްޓޭންޑިންގ އާރޓިސްޓް" ގެ އެވޯޑު ލިބިފައިވަނީ 'ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ'ގެ ޝެފް ޕްރަސަންނާ ދިނޭޝް ރޮވެލްއަށެވެ.

"ބެސްޓް ޕޭސްޓްރީ ޝެފް" ގެ އެވޯޑު ހެރިޓެންސް އާރަށް ރިސޯޓްގެ ޝެފް 'އެޗް.އެފް.ޖީ.އެމް.ފޮންސެކާ' އަށް ލިބިފައިވާއިރު އެންމެ މޮޅު ދިވެހި ޕޭސްޓްރީ ޝެފަކަށް ހޮވިފައިވަނީ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާގެ ޝެފް މުސްތަފާ ޒާހިރް އެވެ.

މި މުބަރާތުގައި ގިނަ އަދަދެއްގެ ރިސޯޓުތަކުން ވާދަކޮށްފައިވާއިރު މުބާރާތުގެ "އައުޓް ސްޓޭންޑިންގ ކަލިނަރީ އޯރގަނައިޒޭޝަން' އަށް ހޮވިފައިވަނީ 'ހެރިޓެންސް އާރަށް' ރިސޯޓެވެ.

ފުޑް އެންޑް ހޮސްޕިޓޭލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމްގެ ބައެއްގެ ގޮތުގައި ކުރިއަށްދިޔަ ކަލިނަރީ ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ މަތީ ފެންވަރުގެ ކަލިނަރީ ޗެލެންޖެވެ.

ޝެފް ގިލްޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޝެފުންގެ ފެންވަރު ރަނގަޅުކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ޝެފުންނަށް ފުރުސަތު ހުޅުވާލުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވާ މުބާރާތެކެވެ.

ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ މިއަހަރުގެ ކަލިނަރީ ޗެލެންޖް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވުނުކަމަށެވެ. އަދި އެޖަމިއްޔާއިން މިހާރު މަސައްކަތްކުރަމުންދަނީ އަންނަ އަހަރުގެ ފެބްރުއަރީމަހު ޖަރުމަންވިލާތުގައި އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވެ ދިވެހިރާއްޖޭގެ ހުނަރު ދައްކާލުމަށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

" ކަލިނަރީ އޮލިމްޕިކްސްއަށް އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދިވެހިރާއްޖޭގެ ފަރާތުން، ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ބައިވެރި ނުވިޔަސް ދިވެހިރާއްޖެއިން އިންޑިވިޑުއަލްކޮށް އޮލިމްޕިކްސްގައި ބައިވެރިވުމަށް. އަޅުގަނޑުގެ އުއްމީދަކީ ކަލިނަރީ އޮލިމްޕިކްސްއިން ވަނައެއް ހޯދައިގެން ދިވެއްސަކު ރާއްޖެއަށް ގެނައުން." މަރިޔަމް ނޫރައްދީން ވިދާޅުވިއެވެ.

މިއަހަރުގެ އެފްއެޗްއޭއެމް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު މި އެކްސްޕޯގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ހޯލްސޭލް-ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެފައިވެއެވެ.