ކުޅިވަރު

15 މެޑަލަށް އަމާޒު ހިފައި، ޤައުމީ ޓީމުތައް މޮރިޝަސްގައި


މޮރިޝަސްގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ކޮންޓިންޖެންޓް ދިޔައީ ވަރަށް ވަރުގަދަ ޢަޒުމަކާއި، މަތިވެރި ރޫހެއްގަ އެވެ. 2015ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި 9ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން 8 މެޑަލް ހޯދިއިރު މިފަހަރު 15 މެޑަލް ހޯދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ އަމާޒު ހިފާފައެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގައި 226 މެމްބަރުން ހިމެނޭއިރު، އިއްޔެ ފުރީ ފުޓްބޯޅަ ޓީމު ނޫން އެހެން ހުރިހާ ކުޅުންތެރިންނެވެ. ފުޓްބޯޅަ އިވެންޓް މިއަދު ފަށާތީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވަނީ ކުރިން މޮރިޝަސް އަށް ގޮސްފައެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރާނެއެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ސްވިމިން، ޓޭބަލް ޓެނިސް، ސެއިލިން އަދި ވޮލީބޯޅަ އެވެ. އަދި މުޅިން އަލަށް މިފަހަރު ގޭމްސްގައި ރާއްޖެއިން ވަނީ ޕެރަލިމްޕިކް އިވެންޓުގައި ވާދަކުރަން ނިންމާފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެތްލެޓިކްސް އިވެންޓްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި 17 އެތްލީޓުންނާއެކު 6 އޮފިޝަލުން ހިމެނެއެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި އެންމެ ފަހުގެ އައިއޯއައިޖީގައި ރަން މެޑަލް ހޯދި ޙަސަން ސާއިދާއެކު މިފަހަރުގެ އެތްލެޓިކްސްއިން ރަން މެޑަލް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމް ވާދަކުރަން ޖެހޭ ޤައުމުތަކަކީ ރީޔޫނިއަން، މަޑަގަސްކަރ އަދި ސީޝެލްސްއެވެ. ރާއްޖޭގެ ޓީމުގައި 12 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނޭއިރު، އައިއޯއައިޖީ ފެށުމުގެ ރަސްމީޔާތުގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފް ލިބުނީ ބާސްކެޓްބޯޅަ ޓީމުގެ އަޙުމަދު ޒަބީރަށެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅާގައި ރާއްޖެ ހިމެނުނީ ގްރޫޕް (ބީ) ގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ރީޔޫނިއަން، މަޔޯޓެ އަދި ކޮމޮރޯސްއެވެ. މިފަހަރުގެ ގޭމްސްއަށް ރާއްޖޭގެ ފުޓްބޯޅަ ޓީމު ދިޔައީ ވަރަށް ޒުވާން ޓީމަކާއެކުއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ވަރަށް ވަރުގަދަ ޤައުމަތަކާއެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު ރާއްޖެ ގަޑިން 13:00 ގައި ކުޅޭނީ ރީޔޫނިއަންއާއެވެ. އަދި ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ކޮމޮރޯސްއާ ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 16:15 ގައެވެ. އަދި މި މަހު 22 ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި މަޔޯޓްއާ ބައްދަލުކުރާ މެޗު ވެސް އޮންނާނީ ރާއްޖެ ގަޑިން 16:15 ގައެވެ.

ޤައުމީ ވޮލީބޯޅަ ޓީމު އައިއޯއައިޖީއަށް ދިޔައީ ރާއްޖޭގެ ޤައުމީ ޓީމަކަށް މިހާތަނަށް ލިބިފައި ނުވާވަރުގެ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. އެގޮތުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަހުލޫފް ހޯއްދަވައި ދެއްވި ފުރުސަތެއްގައި ވޮލީގެ ގަދަ ބާރެއް ކަމަށްވާ ސަރބިއާގައި 14 ދުވަހު ވަނީ ތަމްރީން ހަދާފައެވެ.

މީގެ 6 މަސް ދުވަސް ކުރިން އައިއޯއައިޖީއަށް ތައްޔާރުވާން ފެށި ވޮލީ ޓީމުގެ މިފަހަރުގެ ޓާގެޓަކީ އެންމެ ދަށްވެގެން ބްރޯންޒް މެޑައްޔެ ހޯދުމެވެ. ވޮލީބޯޅަ އިވެންޓްގައި ރާއްޖެ ހިމެނެނީ ގްރޫޕް (ބީ) ގައެވެ. މި ގްރޫޕް ގައި ރާއްޖެއާއެކު ހިމެނޭ ޤައުމުތަކަކީ، ރީޔޫނިއަން އަދި މަޑަގަސްކަރައެވެ.

މިފަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ހިމެނުނީ ގްރޫޕް (ބީ)ގައެވެ. މި ގްރޫޕްގައި ރާއްޖޭއާއެކު ހިމެނޭ ޤައުމުތަކަކީ، ސީޝެލްސް ރީޔޫނިއަން އަދި ކޮމޮރޯސްއެވެ. މި ޤައުމުތަކަކީ ރާއްޖެއާއި އަޅާ ބަލާއިރު ވަރުގަދަ ޓީމުތަކެއް އޮތް ޤައުމުތަކެކެވެ. އެހެންކަމުން މި ޤައުމުތައް ފަހަތަށް ޖައްސާލައި ރަނގަޅު ނަތީޖާއެއް ހޯދުމަކީ އުނދަގޫކަމެކެވެ. ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގައި 12 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނެއެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗްވޮލީގެ ފިރިހެން ބައިގައި ރާއްޖޭ ހިމެނެނީ ގްރޫޕް (ބީ)ގައެވެ. މި ގްރޫޕްގައި ރާއްޖޭއާއެކު ހިމެނޭ ޤައުމުތަކަކީ، މަޔޯޓެއް ރީޔޫނިއަން އަދި ކޮމޮރޯސްއެވެ. ރާއްޖޭގެ ޓީމުގައި ހިމެނެނީ 4 ކުޅުންތެރިންނާއި 2 އޮފިޝަލުންނެވެ.

9 ކުޅުންތެރިންނާއެކު މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ޤައުމީ ޓީޓީ ޓީމް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން މިދިޔަ މާރޗް ފަހުން ފެށިގެން މެދުކެނޑުމެއްނެތި ޤައުމީ ޓީމު ދިޔައީ އައިއޯއިޖީއަށް ތައްޔާރުވުމަށް ފަރިތަކުރަމުންނެވެ.

އަދި މީގެއިތުރުން މިމަހުގެ ކުރީކޮޅު އިންޑިއާގެ އެއްވަނަ އެކަޑަމީ ކަމަށްވާ ހަރްޔާނާގެ ޕިނޭކަލް އެކަޑަމީގައި ޤައުމީ ޓީޓީ ޓީމުވަނީ ތަމްރީންތައް ކުރިޔަށްގެންގޮސްފައެވެ. މިފަހަރުގެ އައިއޯއައިޖީގައި ޓީޓީއިން އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީގެ އިތުރުން، ޤައުމީ ޗެމްޕިއަންކަން ހޯދާފައިވާ ރަފާއަކީ ވެސް މިފަހަރުގެ ގޭމްސްގައި ރާއްޖެ އަށް މެޑަލް ހޯދައިދޭނެ ކަމަށް ބެލެވޭ ކުޅުންތެރިންނެވެ.

ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް 2012ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި އިރުޝާދުދިން ކޯޗު ސުން ހަން ކުކްގެ ބެލުމުގެ ދަށުން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުވަނީ މިފަހަރުގެ އައިއޯއައިޖީއަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އަދި މީގެ އިތުރުން ދެކުނު ކޮރެއާގެ ބެޑްމިންޓަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީގެ 4 ކުޅުންތެރިންނާއެކު ރާއްޖޭގައި ޤައުމީ ބެޑްމިންޓަން ޓީމް ވަނީ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެވެ. މި ތަމްރީންތަކަށް ބިނާކޮށް ބެޑްމިންޓަންއިން ރަން މެޑައްޔެއް ހޯދާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ ޓީމް ވަނީ އިންޑިއާގެ މައިސޫރުގައި ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އައި.އޯ.އައި.ޖީއަށް ޚާއްސަކޮށްގެން ޕީއެސްއެމްއިން ގެނެސްދޭ "މި ފަހަރުވެސް ގޯލްޑް" ޕްރޮގުރާމްގައި ވާހަކަދައްކަމުން ސްވިމިން އެސޯސިއޭޝަންގެ ނާއިބު ރައީސް އިސްމާޢިލް ޢަލީ ވިދާޅުވީ، ގޭމްސްގައި ވާދަކުރާ ޤައުމީ ޓީމުގައި އެންމެ މުހިންމު ހަތަރު ފެތުންތެރިން ނުހިމެނޭ ކަމަށާއި، އެހެންކަމުން މެޑަލް އަކަށް އަމާޒު ހިފޭވަރަށްވުރެ އިދިކޮޅުން ވާދަކުރާ ފެތުންތެރިންގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ސެއިލިންގ ޓީމުގައި 10 އެތްލީޓުންނާއި 3 އޮފިޝަލުން ހިމެނެއެވެ. ސެއިލިންގ ޓީމު ގޭމްސްއަށް ދިޔައީ ކުރިޔަށްވުރެއް ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުއްމީދުގައެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެންމެ ފަހުގެ ޚަބަރުތަކާއި މަޢުލޫމާތުތައް ދިވެހިންނާއި ހަމަޔަށް ގެނެސްދިނުމަށް 13 މީހުން ހިމެނޭ ދިވެހި މީޑިއާ ގްރޫޕެއް ވަނީ މޮރިޝަސްއަށް ގޮސްފައެވެ. މި ޓީމުގައި ހިމެނޭ 13 ނޫސްވެރިންގެ ތެރޭގައި ޕީއެސްއެމްގެ 3 ނޫސްވެރިއަކު ހިމެނޭއިރު، އެހެން ކޮންމެ މީޑީއާއަކުން 2 ނޫސްވެރިން މި ޓީމުގައި ހިމެނެ އެވެ. އައިއޯއައިޖީގައި ރާއްޖޭގެ ޓީމުތައް ވާދަކުރާ އިވެންޓްތަކުގެ އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު ޕީއެސްއެމް އިން ގެނެސްދޭނެއެވެ. މިފަހަރުގެ އައިއޯއައިޖީގެ މީޑިއާ ޓީމުގެ ހެޑަކަށް ހަމަޖައްސާފައިވަނީ މިހާރު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ހަމްދޫނެވެ.

10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މޮރިޝަސްގައި ބާއްވާއިރު، 2023ގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖޭގެ ސަރުކާރުންދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން 2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިންކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަޙުލޫފު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސީޝެލްސް އަދި މޮރީޝަސްގެ އިތުރުން ކޮމޮރޯސްއަށް ވަނީ ވަޑައިގެންފައެވެ.

2023ގެ އައިއޯއައިޖީ ބާއްވާނެ ޤައުމެއް އިޢުލާން ކުރާނީ މާދަމާ މޮރިޝަސްގައި ފަށާ އައިއޯއައިޖީ ނިންމުމުގެ ރަސްމީޔާތުގައެވެ.