ޚަބަރު

ސީ ލައިފް ގްލޯބަލްއަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދިނުން މަޑުޖައްސާލުމަށް އަންގައިފި


ފްލެޓު ގަތުމަށް "ސީ ލައިފް ގްލޯބަލް"އަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދިނުން މަޑުޖައްސާލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީއަށް އަންގައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ ސީލައިފްގެ މައްސަލައަކީ އެ ކޮމިޝަނުން ބަލަންޖެހޭ މައްސަލައަކަށް ވުމުގެސަބަބުން މައްސަލަބަލައި ނިމެންދެން ބަދަލު ހޯދުމުގެ ކަންކަން މަޑުޖައްސާލުމަށް އަންގައި އެޗްޑީސީއަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
މިމައްސަލައިގައި ކުށްވެރިވަނީ ކޮންފަރާތެއްކަން އަދި ނިންމާފައިނުވާކަމަށާއި ނަމަވެސް މައްސަލަ ބަލައި ނިމުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތަކާމެދު ފިޔަވަޅުއަޅާނެކަމަށް އަސްޢަދު ވިދާޅުވިއެވެ.

ފްލެޓު ގަތުމަށް ސީ ލައިފް ގްލޯބަލްއަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެޗްޑީސީންވަނީ ވިދާޅުވެފައެވެ.
ހުޅުމާލެއިން 3000 ހައުސިންގ ޔުނިޓްތައް ގަތުމަށްޓަކައި 203 ފަރާތަށްވުރެ ގިނަ ފަރާތުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކާފައި ވީނަމަވެސް އެމަސައްކަތް ކުރިއަށް ނުގެންދިޔުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރިމެންޓެއް ހަދާފައެވެ. މިއެއްބަސްވުމާ ގުޅިގެން އެޗްޑީސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި މައްސަލައިގައި ސަރުކާރާއި އެ ކުންފުނީގެ އިޙުމާލެއް ނެތް ކަމުގައި ޤަބޫލުކުރެވުނުކަމުގައި ވީ ނަމަވެސް، މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ވެފައިވާކަމަށެވެ. އަދި މި އެއްބަސްވުމަކީ އެފަރާތްތަކަށް ލިބިފައިވާ ގެއްލުން ކުޑަ ކޮށް އިންސާފު ހޯދައިދިނުމަށް ވެފައިވާ އެއްބަސްވުމެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

އެޗްޑީސީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސީ ލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުން ޢިމާރާތްކުރުމަށް ނިންމި ފްލެޓުތައް ގަތުމަށް އެކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތަކުން ދައްކާފައިވާ ފައިސާއާއި އެއްވަރުގެ ޢަދަދެއް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ފްލެޓު ދިނުމަށް އެއްބަސްވެފައިވާކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ސީލައިފް ގްލޯބަލްއާ ދެކޮޅަށް ދަޢުވާކުރި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭގޮތަށް ހަދާފައިވާ "ސެޓްލްމަންޓް އެގްރީމެންޓް"އާ ގުޅޭ މާބޮޑު ތަފްސީލެއް ލިބިފައިނުވިނަމަވެސް އެނގިފައިވާގޮތުގައި ސީލައިފަށް ދަޢުލަތުން ދައްކަންޖެހޭ 12 މިލިއަން ޑޮލަރު އެކުންފުންޏަށް ދެއްކުމުން، ބުކިން ފީދެއްކި ފަރާތްތަކަށް އަނބުރާ ފައިސާ ދެއްކުމަށް ސީލައިފުން ވަނީ އެއްބަސްވެފައެވެ.

އަދި ސީލައިފް އެޕާޓްމަންޓްތައް ގަތުމަށް ބުކިން ފީދެއްކި ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ހަމަޖައްސައިދިނުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި އެކަން ފްލެޓްތައް ގަތުމަށް ބުކިން ފީ ދައްކާފައިވާ ފަރާތްތަކަށް ސީލައިފުން މިހާރު ވަނީ އަންގާފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމުގެ ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެމައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.