ސިޔާސީ

ރައީސް ނަޝީދުގެ އިންޒާރު: މަޖިލީހުގައި ދޮގުހަދާނަމަ ދަޢުވާކުރާނަން


މިނިސްޓްރީތަކުންނާއި މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ޙާޒިރުކުރާ ފަރާތްތަކުން ދޮގު މަޢުލޫމާތުދޭނަމަ ތަޙްޤީޤްކޮށް ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީތަކަށް މަޢޫލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ބައެއް ބޭފުޅުން ސާފު ބަހުން ވާހަކަ ނުދެއްކެވުމާއި އިތުރުފުޅު ހައްދަވާކަމުގެ ޝަކުވާ ކޮމިޓީތަކުގެ މުޤައްރިރުންގެ ފަރާތުން ލިބިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މީގެފަހުން އިތުރުފުޅު ހައްދަވުމާއި، މަޢޫލޫމާތު ނުދިނުމަށް މަސައްކަތްކޮށްފިނަމަ އެކަން ތަޙްޤީޤްކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރަން ފޮނުއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ގާތުގައި ބައެއް މުޤައްރިރުން ވިދާޅުވޭ، ބައެއް މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން މިތަނުގައި ސާފު ބަހުން ވާހަކަ ނުދައްކަވައޭ. އިތުރުފުޅު ހައްދަވާކަމަށް އެބަ ޝައްކުކުރެވެއޭ. އަޅުގަނޑު ދަންނަވާލަން ބޭނުން ދައުލަތުގެ ހުރިހާ ބޭފުޅުންނަށާއި ސަރުކާރުގެ އެންމެހާ ބޭފުޅުންނަށާއި މުއައްސަސާތަކުގެ އެންމެހާ ބޭފުޅުން އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެސް، މި މަޖިލީހަށް ވަޑައިގެން އިތުރު ހެއްދެވުމަކީ ޖިނާއީ ކުށެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަވާރަވަނަރައްޔިތުންގެ މަޖިލީހުގައި 17 ކޮމިޓީ އޮތްއިރު، ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ކޮމިޓީތަކަށް ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެހެނިހެން އިދާރާތަކުގެ ބޭފުޅުން ޙާޒިރުކޮށް އަންނަނީ ސުވާލުކޮށް މަޢޫލޫމާތު ހޯދަމުންނެވެ. އެފަރާތްތަކުން ކޮމިޓީއަށް ޙާޒިރުކޮށް މަޢުލޫމާތު އޮޅުންފިލުއްވާއިރު ބައެއްފަހަރު ތެދުބަހުން ވާހަކަ ނުދެއްކެވުމާއި މަޢުލޫމާތު ނުދިނުމަށް މަސައްކަތްކުރުމުން ކޮމިޓީތަކުގެ މުޤައްރިރުން އެމަޢޫލޫމާތު މަޖިލީހާ ހިއްސާކުރުން ޤާނޫނު އަސާސީން ލާޒިމްކުރާކަން ކޮމިޓީތަކުން ހަނދާންވެސްކޮށްދެއެވެ.

ޤާނޫނު އަސާސީގެ ނުވަދިހަ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އޮފީހެއްގެ ވެރިޔަކު އަދާކުރާ ވާޖިބުތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެމީހަކާ ސުވާލުކުރުމުގެ ޙައްޤު ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގިހުރި އެންމެރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.