ވިޔަފާރި

ތުތި ބޯވަދިލަމަހުގެ މަސްވެރިކަމަށް ދިވެހިންގެ ޝަޢުޤުވެރިކަން ބޮޑު


ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ މަޤްބޫލްކަން ދިވެހިންގެ މެދުގައި ބޮޑުކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޑައިމަންޑް ބެކް ސްކުއިޑް ނުވަތަ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތައާރަފްކޮށް ދިވެހިންނަށް މި ބާވަތުގެ މަސްވެރިކަން ކުރާނެގޮތް ދަސްކޮށް ދިނުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ދަނީ ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.

އެގޮތުން މިހާތަނަށް ކާމިޔާބުކަމާއި އެކު ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައެެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކް ވިދާޅުވީ މިހާތަނަށް ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވަނީ އުތުރުގެ އަތޮޅުތަކުގައި ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

" މިދިޔަ މަހުވެސް 45 ފަރާތެއް ތަމްރީންކޮށްފިން، ވަރަށް ގިނަ އަތޮޅުތަކުން އެދެމުން ދަނީ މީގެ ތަމްރީން ޕްރޮގްރާމް ހިންގުމަށް، އުތުރުގައި އަދި ދެ ތަމްރީން ޕްރޮގްރާމެއް އެބައޮތް، ދެން އެޔަށް ފަހު ދެކުނުގެ އަތޮޅުތަކުގައި ތަމްރީން ޕްރޮގްރާމްތައް ފަށާނަން"، އާދަމް މަނިކް ވިދާޅުވިއެވެ.

ތުތި ބޯވަދިހަ މަހުގެ މަސްވެރިކަމަށް އޮންނަ މަޤްބޫލްކަން އިތުރުވަމުންދާއިރު، މިކަމަކީ އެކަމުން ރަގަޅު ނަފާއެއް ލިބޭ ކަމެއްކަންވެސް އާދަމް މަނިކް ފާހަގަކުރެެއްވިއެވެ.

" މި މަސްވެރިކަމަކީ ވަރަށް ބޮޑު އަގެއް ލިބޭ ކަމެއް، މިފްކޯއިންވެސް މިޔަށް ރަގަޅު އަގެއްދޭ، އަދި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ބޭނުންވާ އެއްޗެއް، މީގެ މަރކެޓް މިއޮތީ ރާއްޖޭގެ އެތެރޭގައި،" އާދަމް މަނިކް ވިދާޅުވިއެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމާ ގުޅޭ ސާމާނުވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބައެއް ފަރާތްތަކަށް ފޯރުކޮށްދީފައެވެ.

އެ ޕްރޮގްރާމްގެ ދަށުން ތުތި ބޯވަދިލަމަހުގެ މަސްވެރިކަންކުރުމަށް ބޭނުންވާ އާލާތްތައް ހިމެނޭ 10 ސެޓެއް ދޫކޮށްފައިވެއެވެ. މި ތަކެތި ދޫކޮށްފައިވަނީ 5 އަހަރަށް ބަހާލައިގެން އަގު އަދާކުރާގޮތަށެވެ. މަހުން މަހަށް ފައިސާ ދައްކާ އުސޫލުން ފޯރުކޮށްދޭ މި ސެޓުތަކުގެ އަގު ދުއިސައްތަ ސާޅީސް ނުވަހާސް ރުފިޔާއަށް އަރައެވެ.