ކުޅިވަރު

ޗެލްސީއަށް އާ ކުޅުންތެރިން ބޭނުމެއް ނުވޭ: ލަމްޕާޑް


ޗެލްސީއަށް އާ ކުޅުންތެރިން ބޭނުން ނުވާކަމަށާއި، ސްކޮޑާމެދު ހިތްހަމަޖެހޭކަމަށް އެ ކުލަބުގެ ކޯޗު އަދި ކުރީގެ މިޑްފިލްޑަރ، ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ފީފާއިން ދެ ޓްރާންސްފަރ ވިންޑޯއަށް އެ ކުލަބު ސަސްޕެންޑް ކޮށްފައި އޮތް އޮތުމާ ގުޅިގެން ލަމްޕާޑް ބުނީ، ޗެލްސީގައި މިހާރުވެސް އޮތީ ކާމިޔާބީއަށް ވާޞިލު\ވެވޭނޭ ފެންވަރުގެ ސްކޮޑެއް ކަމަށާއި، އިތުރު ކުޅުންތެރިން ގެންނަން ބޭނުން ނުވާކަމަށެވެ.

ލަމްޕާޑް ބުނީ، ކުލަބާ ހަވާލުވީވެސް ކުލަބުގެ ހާލަތު ރަނގަޅަށް އެނގިހުރެ ކަމަށާއި، ޗެލްސީގައި މިހާރު މި އޮތް ސްކޮޑުގައި، ލީގުގައި ރަނގަޅު ވާދައެއް ކުރެވޭނެ ފެންވަރު އެބަހުރި ކަމަށެެވެ. އަދި ޕްރީ ސީޒަންގެ ފަރިތަކުރުންތަކުންވެސް، ކުޅުންތެރިން ކާމިޔާބީއަށް ބޭނުންވެފައިތިބި މިންވަރު ވަރަށް ރަނގަޅަށް ހާމަވާކަމަށް ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ ޗެލްސީގައި އޮތީ އަވަސް ގޭމެއް ކުޅެވޭނެ ވަރުގެ ސްކޮޑެއް ކަމަށާއި، މިހާރު އޮތް ސްކޮޑާއެކު ވަރުގަދަ ގޭމް ޕްލޭނެއް ހަދަމުންދާކަމަށެވެ.

ޕްރީ ސީޒަން ދެ މެޗެއް ކުޅުމަށް ޗެލްސީއިން ތައްޔާރުވަމުންދާއިރު، ފުރަތަމަ މެޗުގައި މިމަހުގެ ނަވާރަ ވަނަ ދުވަހު ޖަޕާންގެ ކަވަސަކީ ފްރަންޓޭލްއާ ދެކޮޅަށް ވާދަކުރާނެއެވެ. އަދި ތޭވީސް ވަނަ ދުވަހު ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށް ޗެލްސީ ނިކުންނާނެއެވެ.